ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިން ޖެހުމުން ލޭ ގަނޑުވާ މައްސަލަ ހޯދައިފި

އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިން ޖެހުމުން ލޭ ގަނޑުވާ ކަމަށް ބުނާތީ 20 ގައުމަކުން ވެކްސިން ޕްރޮގްރާމް ހުއްޓާލި އެވެ. އޭގެ ތެރޭގައި ޖަރުމަން އަދި ފްރާންސް ހިމެނެ އެވެ. އެހެން ނަމަވެސް، ޔޫރަޕިއަން މެޑިސީން އޭޖެންސީ (އީއެމްއޭ) އިން އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިން ރައްކާތެރި ކަމަށް ނިންމުމުން ގިނަ ގައުމުތަކުން ވެކްސިން އަލުން ދޭން ފަށައިފި އެވެ.

އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިންގައި ދޯހަޅިކަމެއް ހުރިތޯ ނޯވޭގައި ދިރާސާ ކުރި ޓީމަކުން މިހާރު ބުނަނީ ލޭ ގަނޑުވާ ސަބަބު ދެނެގަނެވިއްޖެ ކަމަށެވެ. އެއީ ވެކްސިން ޖެހުމުން ހަށިގަނޑުގައި ދިފާއީބާރު އުފައްދަން ކުރެވޭ ނިޒާމީ މަސައްކަތަކުގެ ސަބަބުން އުފެދިގަންނަ "އިމިއުން ރިއެކްޝަން" އެއްގެ ސަބަބުން މެދުވެރިވާ ނާދިރު ހާލަތެއް ކަމަށެވެ.

"ވެކްސިންޖެހުމުން ލޭގަނޑުވާން ދިމާވާ ސަބަބަ ދެނެގަނެވިއްޖެ ކަމަށް މި ބަލަނީ،" ޗީފް ފިޒިޝަން، ޕްރޮފެސަރު ޕަލް އަންޑްރޭ ހޯމޭ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މުވައްޒަފުންނަށް ދިމާވީ މި މައްސަލަ" އޭނާ ވިދާޅުވި އެވެ.

ނޯވޭގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ތިން މީހަކަށް ވެކްސިން ދިނުމުން ލޭ ގަނޑުވާ މައްސަލަ ދިމާވި އެވެ. އަދި އެތިން މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ވެސް ޖެހުނެވެ. އެމީހުންގެ މުޅި ގައިގެ އެތަން މިތަނުގައި ލޭ ގަނޑުވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބަނޑު އަދި ސިކުނޑީގައި ވެސް ލޭ ގަނޑުވި ކަމަށްވެ އެވެ. އެތަނުން އެކަކުގެ އަނގަޔާ ނޭފަތުން ލޭ އައިސް ފަހުން ވަނީ މަރުވެފަ އެވެ.

ނޯވޭއިން ބުނީ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ދެން ކުރެވެން ހުރީ ކޮންކަމެއްތޯ ބަލަމުން އަންނަ ކަމަށެވެ. މިއީ ވެކްސިން މަސައްކަތްކުރާ ގޮތުން ދިމާވާ މައްސަލައެއް ކަމަށާއި ރަނގަޅު ކުރެވެން ހުރި ގޮތްތަކާ މެދު ވެސް ސައިންސްވެރިން ފިކުރު ކުރަމުން އަންނަ ކަމަށެވެ.

އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިނަކީ ދުނިޔޭގައި ފުޅާކޮށް ދެވޭ ވެކްސިނެކެވެ. ނޯވޭގައި އެކަނި ވެސް 120،000 މީހުންނަށް ވަނީ މި ވެކްސިންދީފަ އެވެ. އަދި މުޅި ދުނިޔެއިން 17 މިލިއަން މީހުންނަށް އެސްޓްރަޒެނެކާ ޝޮޓް ދެވިފައިވެ އެވެ.