ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

"ކޮވިޑް ވެކްސިނުން ލިބޭ ގެއްލުމަށް ވުރެ ފައިދާ ބޮޑު"

ކޮވިޑް ވެކްސިންގެ ރައްކާތެރިކަމާ ބެހޭ ގޮތުން ޔޫރަޕިއަން މެޑިސިން އޭޖެންސީ (އީއެމްއޭ) އިން ބަޔާނެއް ނެރެފި އެވެ. އީއެމްއޭއިން ބުނީ ފައިޒާ އަދި މޮޑާނާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން ހޯދި ހޯދުމުން ބަލި ކަށިކަމެއް ފެނިފައިވާ ކަމަށާއި އެއީ ނިސްބަތުން ކުޑަ މިންވަރެއް ކަމަށެވެ. ފައިދާ ބޮޑު ކަމަށެވެ

ފައިޒާ އަދި މޮޑާނާ ވެސް ކޮވިޑް ވެކްސިން އުފައްދާފައި ވަނީ އެމްއާރުއެންއޭ ޓެކްނޮލޮޖީއަށް ބަރޯސާ ކޮށެވެ. ޔޫރަޕިއަން މެޑިސިން އޭޖެންސީ ބުނީ މި ދެވެކްސިން ދިން މީހުންގެ ތެރެއިން 321 މީހުނަށް ކުރި ނޭދެވޭ އަސަރެއް ގޮތުން ހިތްދުޅަވުން ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.

އީއެމްއޭއިން ބުނި ގޮތުން އެމްއާރުއެންއޭ ވެކްސިން ދިން 164 މީހަކަށް މަޔޮކާޑައިޓިސް – ހިތުގެ މަސްގަނޑު ދުޅަވުން އަދި 157 މީހަކަށް ޕެރިކާޑައިޓިސް – ހިތުގެ ދުލިފަށް / ހިތް ވަށައި ލެވިފައި އޮންނަ ތުނި ހަން ފަށަލަ ފުއްޕުން ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.

އިންސާނުންގެ ހިތަށް މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ފެންނާނެ އަލާމާތަކީ، އީއެމްއޭ ބުނާ ގޮތުން ނޭވާ ކުރުވުމާއި މޭގައި ރިއްސުން އަދި ޕަލްޕިޓޭޝަން – ހިތުގެ ވިންދު ފާލުން ކެޓުމެވެ. ހިތުގެ ވިންދުގެ ތަރުތީބު ގެއްލުމެވެ.

ކޮވިޑް ވެކްސިނާ ބެހޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމާތްތަކުން ވަނީ ހޯދުންތަކެއް ހޯދާފަ އެވެ. އެމްއާރުއެންއޭ ވެކްސިނުން އެމީހުންނަށް ފާހަގަ ކުރެވުނު ބަލިކަށިކަން ބޮޑަށް ގުޅިފައި ހުރީ އިންސާނުންގެ ހިތާ އެވެ. އިނގިރޭސިވިލާތުގެ ސައިންސްވެރިން ހޯދި ހޯދުމުން ވެސް މިހިސާބަށް ދެވިފައި ވާއިރު ނަތީޖާ އާންމެއް ނުކުރެ އެވެ. އެހެން ނަމަވެސް ބޭނުން މީހަކަށް އޮންލައިންކޮށް ކިޔާލަން ލިބެ އެވެ.

ޔޫރަޕިއަން މެޑިސިން އޭޖެންސީން ބުނީ ގައުމުތަކުގައި ކޮވިޑް ވެކްސިން ދެމުން ގެންދާއިރު މިހާތަނަށް ފައިޒާ / ބަޔޮންޓެކް 177 މިލިއަން ޑޯޒް ދެވިއްޖެ ކަމަށާއި މޮޑަނާ ވެކްސިންގެ 20 މިލިއަން ޑޯޒް ދެވިފައިވާ ކަމަށެވެ. އަދި ބުނީ ވެކްސިނުން ނޭދެވޭ އަސަރު ކުރަނީ ވަރަށް މަދު ބަޔަކަށް ކަމަށެވެ. ވެކްސިން އުފެއްދި ކުންފުނިތަކާ ގުޅިގެން އޭގައި ހުރި ބަލިކަށިކަން ނައްތަން މަސައްކަތް ކުރާނެ ކަމަށް ވެސް އީއެމްއޭއިން ބުންޏެވެ.