ޕީޕީއެމް

އެސްޖީންގެ މަގާމަށް ވަކި ބަޔަކު ގެންނަން އުޅޭ ކަމުގެ ތުހުމަތު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މަގާމުތަކަށް ސަރުކާރުން ބޭނުންވާ ވަކި ބަޔަކު ގެންނަން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ ކަމަށްވާ ސެކެޓްރީ ޖެނެރަލުން އައްޔަން ކުރުމަށްޓަކައި ކުރި އިއުލާނުގެ މުއްދަތު މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު މި ސަރުކާރުން ބޭނުންވާ ބައެއް މީހުންނަށް ގުޅާ އިތުރު ފުރުސަތު ދެމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. މިއީ ކަނޑައެޅިގެން ކޮރަޕްޝަންގެ އަމަލެއްކަން ފާހަގަކޮށް އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވަނީ ބުނެފައެވެ.

އަދި ކައުންސިލްތަކުގެ ހިންގުމުގެ އިދާރީ ވެރިން އައްޔަންކުރަން ވާނީ އިންސާފުވެރި ކަމާއެކު ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށާ ސަރުކާރުން ބޭނުންވާ ބަޔަކު އައްޔަން ކުރުމަށާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ސެކެޓްރީ ޖެނެރަލުން އައްޔަން ކުރުމުގެ ކަންކަން ކުރިއަށް ނުގެންދިއުމަށް ސިވިލް ސާވިސް ކޮމިޝަނަށް ގޮވާލާ ކަމަށް އެ ބަޔާނުގައިވެއެވެ.

ސިވިލް ސާވިސްގެ ގާނޫނު ބުނާ ގޮތުން ކައުންސިލް އިދާރާތަކުގެ ސިވިލް ސާވިސްގެ އެންމެ އިސް ވެރިއަކީ ސެކްރެޓަރީ ޖެނެރަލް އެވެ. އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލީ ޖޫން މަހުގެ 20 ވަނަ ދުވަހު އެވެ.

ސީއެސްސީން ބުނީ ޖޫން 28 ގެ ނިޔަލަށް ސުންގަޑި ހަމަވިއިރު ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 54 އެޕްލިކޭޝަން އަދި އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 86 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އަދި ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެެނެރަލްގެ މަގާމަށް 317 އެޕްލިކޭޝަން ލިބިފައިވާ ކަަމަށެވެ.

ކައުންްސިލްގެ ލަފާގެ މަތިން ކައުންސިލްގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުވެސް އަސާސްތަކުން ޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ގާނޫނުގައިވެއެވެ.