ފޮރިން ސާވިސްގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާ ކުރަން "ދިވެހި ރާއްޖޭގެ ފޮރިން ސާވިސް" ގެ ނަމުގައި ހުށަހެޅި ބިލު މަޖިލީހަށް ބަލައިގަނެ ބިލު އިތުރަށް ދިރާސާ ކުރަން ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީއަށް ފޮނުވައިފާ ވަނީ ޖޫން 30 ގައި އެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މަޖިިލީހަށް ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސް ނިންމީ މިދިޔަ ހޯމަ ދުވަހު އެވެ. އެއަށްފަހު އެ ބިލު ބަލައިގަތުމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަަ ކަމަށް 53 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.
އެ ބިލު އިތުރަށް ދިރާސާކޮށް ގެންނަން ޖެހޭ އިސްލާހުތައް ދެން ގެންނާނީ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީންނެވެ.
ބިިލުގެ ބޭނުމަކީ ރާއްޖެގެ ސިޔާސަތު ހަރުދަނާކޮށް ބައިނަލްއަގުވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފައްތަން ބޭނުންވާ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސާވިސްއެއް ބިނާ ކުރަން ސިވިލް ސާވިސްއާ ވަކިން ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމް ކުރުމެވެ.
ބިލުގައިވާ ގޮތުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އަދި އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބެލުމުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ރައީސްގެ އަންގަވާގޮތެއްގެ މަތިން ފޮރިން ސާވިސްގެ ގާނޫނާ އެއްގޮތަށް ފޮރިން ސާވިސް ހިންގުމުގެ އެންމެ އިސްވެރިއަކަށް ވާނީ ފޮރިން މިނިސްޓްރެވެ.
ހަމަ އެހެންމެ ފޮރިން ސާވިސްގެ އެންމެހާ ކަންކަން ދުވަހުން ދުވަހަށް ހިންގުމަށް މިނިސްޓަރަސް އެހީތެރިވުމަށް ފޮރިން ސާވިސްގެ އެންމެ އިސް މުވައްޒަފެއްގެ ގޮތުގައި ފޮރިން ސެކެޓްރީ އެއް ހުންނަަން ޖެހޭނެ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރާނީ މިނިސްޓަރުގެ ލަފާޔާއެކު ރައީސުލްޖުމްހޫރިއްޔާ އެވެ.
މީގެ އިތުރުން އެ ބިލު ފާސްވެ ގާނޫނަކަށް ވުމުން މުވައްޒަފުން ތަމްރީންކުރުމަށް ފޮރިން އިންސްޓްޓިއުޓެއް ވެސް ގާއިމްކުރަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.