ޔުނައިޓެޑް ސްޓޭޓްސް ޓްރެޒަރީން އީރާންގެ ތިން ރައްޔިތަކަށް ލުއިދިފި އެވެ. އެ ގޮތުން ލުއިދީފައި ވަނީ އިރާންގެ އެޓޮމިކް އެނާޖީ އޮގަނައިޒޭޝަންގައި މަސައްކަތްކުރާ ތިން އޮފިޝަލަކަށެވެ. އެމެރިކާއިން އީރާނަށް އިގުތިސޯދީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮތްއިރު ވަކިވަކި ފަރުދުންނަށް ވެސް އޮތީ ދަތިކޮށްފަ އެވެ.
އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދައި ސަރަހައްދީ ބާރަކަށް ވާން ކުރާ މަސައްކަތްތަކުގައި އެމެރިކާއިން ބުނާ މިންގަނޑުތަކަށް އީރާނުން އަމަލު ނުކުރުމުގެ ސަބަބުން އެ ވަގުތަކަށް ފެންނަ ހަރުކަށި ފިޔަވަޅެއް އެމެރިކާއިން އަޅަނީ އެވެ.
އެޓޮމިކް އެނާޖީ އޮގަނައިޒޭޝަންގެ ތިން އޮފިޝަލަކަށް ލުއި ދިން ނަމަވެސް އެމެރިކާއިން ބުނީ މިހާރު ވިއެނާގައި ކުރިއަށްދާ އީރާންގެ ނިއުކްލިއާ ޑިލްއާ މިކަމާ ގުޅުމެއް ނެތް ކަމަށެވެ.
އެމެރިކާ ޓްރެޒަރީގެ ތަރުޖަމާން މީޑިއަށް ވިދާޅުވީ އޮފިޝަލުންނަށް ލުއި ދިނީ ވަކި ކަމެއް ކުރުވަން ޝަރުތުކޮށް ނޫން ކަމަށާއި ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ޔޫއެސް ޓްރެޒަރީން ލުއި ދިން ތިން އޮފިޝަލުންނަކީ ބެހެޒާދު ފިރުދައުސް އާއި މެހެޒާދު ފިރުދައުސް އަދި މުހައްމަދު ރިޒާ އެވެ. މިތިން މީހުންނަކީ ވެސް އީރާންގެ ނިއުކްލިއާ ޕްރޮގްރާމާއި ބެލަސްޓިކް މިސައިލް ޕްރޮގްރާމްއާ ވަރަށް ގާތް އޮފިޝަލުންނެވެ. މި މީހުންނަށް ދަތިކުރުމުގެ ފިޔަވަޅުއަޅާފައި ވަނީ ސެޕްޓެމްބަރު 2020 ގައެވެ.
އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީން ބުނާ ގޮތުން އިރާނުން ނިއުކްލިއާ މުއްސަނދިކޮށްފައި ވަނީ އުންމީދު ނުކުރާހާ އަވަހަށެވެ. އަދި އީރާން މިހާރު އޮތް ފެންވަރުގައި ދޫކޮށްލައިފި ނަމަ ނިއުކްލިއާ ބޮމެއް އުފައްދަން ދުވަސްތަކެއް ނުނަގާނެ ކަމަށެވެ.
އެމެރިކާއިން އެދެނީ އީރާނުން ނިއުކްލިއާ އުފެއްދުން ހުއްޓާލާށެވެ. އީރާނުން ބުނަނީ އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތައް މުޅިން ނައްތާލައިގެން ނޫން ގޮތަކަށް ނިއުކްލިއާއާ ދުރަށް ނުދާނެ ކަމަށެ