ދުނިޔެ

އެންޖެލާ މާކެލް ވަދާއި ދަތުރު އިނގިރޭސިވިލާތަށް

ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއާ ބައްދަލު ކުރައްވައިފި އެވެ. އެ ކަމަނާ އިނގިރޭސިވިލާތަށް ވަޑައިގެން އުޅުއްވަނީ ޖަރުމަން ޗާންސެލާގެ ހައިސިއްޔަތުން އެ ގައުމަށް ކުރައްވާ ވަދާއީ ދަތުރުފުޅުގަ އެވެ. އެ ކަމަނާ މި އަހަރުގެ ފަހުކޮޅު މަގާމުން ދޫކޮށްލައްވާނެ އެވެ.

ޖޯންސަންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެ ބޭފުޅުން ހަރުދަނާ އެއްބަސްވުންތަކަކަށް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ޖަރުމަނާ އިނގިރޭސިވިލާތާ ދެމެދު ހިންގާ ވިޔަފާރި މުއާމަލާތްތައް ފުޅާކޮށް އާ ދާއިރާތަކަށް އިންވެސްޓް ކުރަން ވާހަކަ ދެކެވުނު ކަމަށެވެ.

އެންޖެލާ މާކެލްގެ މި ދަތުރުފުޅުގައި އިނގިރޭސި ރާނީ އެލިޒަބަތާ ވެސް ބައްދަލު ކުރައްވާނެ އެވެ. ދެކަނބަލުން ގެ ބައްދަލު ކުރެއްވުމުގައި ޖަރުމަން ޗާންސެލާގެ ހައިސިއްޔަތުން އިނގިރޭސިވިލާތާއެކު ބޭއްވެވި ގާތް ގުޅުމާ ގުޅޭ ގޮތުން ހަނދާންތައް އާ ކޮށްލެއްވުން ވެސް އޮންނާނެ އެވެ.

އެންޖެލާ މާކެލް ޖަރުމަން ޗާންސެލާގެ މަގާމުގައި 16 އަހަރު ވަނީ ހޭދަ ކުރައްވާފަ އެވެ. އަދި 22 ފަހަރު އިނގިރޭސިވިލާތަށް ވަޑައިގެން މަޝްވަރާ ތަކުގައި ބައިވެރިވެ ވަޑައިގެންފައި ވެއެވެ.