ބޮރިސް ޖޯންސަން

އިސްތިއުފާ ދިނުމެއް ނެތް: އިނގިރޭސި ބޮޑުވަޒީރު

އިސްތިއުފާދީފައި މަގާމު ދޫކޮށްލަން ބަޔަކު ކިތަންމެ ވަރަކަށް ގޮވި ނަމަވެސް އިސްތިއުފާ ނުދެއްވާނެ ކަމަށް އިނގިރޭސި ބޮޑުވަޒީރު، ބޮރިސް ޖޯންސަން ވިދާާޅުވެއްޖެ އެވެ.

ބޮރިސް ޖޯންސަން ސަރުކާރުގެ ނުފޫޒުގަދަ ދެވަޒީރުން -- ހެލްތު މިނިސްޓަރު ސާޖިދު ޖާވިދު އާއި މާލީ ވަޒީރު ރިޝީ ސުނަކް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ޖޯންސަން ސަރުކާރަށް ބައިއެޅުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ވިދާޅުވެ، އިސްތިއުފާ ދެއްވި މެމްބަރުގެންގެ އަދަދު، ދެ ވަޒީންރުން ހިމެނޭ ގޮތުން މިހާރު ވަނީ 44 އަށް އަރާފަ އެވެ.

އިނގިރޭސި އިދިކޮޅު ޕާޓީތަކުން ޖޯންސަންއަށް އެތައް ކަމެއްގައި ދަނީ ޕްރެޝަރު ކުރަމުންނެވެ. އިނގިރޭސިވިލާތް ފަދަ ގައުމެއްގެ ސަރުކާރުގައި ބައިތިއްބައިގެން ނުވާ ވަރުގެ އަޚުލާގު ދަށް މެމްބަރުންގެ ހިމާޔަތުގައި ބޮޑުވަޒީރު ވާހަކަދެއްކެވުމަކީ ވެސް މައްސަލަ ބޮޑުވާން ދިމާވި ސަބަބެކެވެ.

ބޮރިސް ޖޯންސަންއާ ވަރަށް ގާތް އަދި ސަރުކާރުގެ އިސް ބައެއް ވަޒީރުންނާއި ގާނޫންހަދާ މަޖިލީހުގެ މެމްބަރުން ވެސް ވަނީ މަގާމު ދޫކޮށްލެއްވުމަށް ބޮޑުވަޒީރަށް ދަންނަވާފަ އެވެެ. އެހެން ނަމަވެސް އެ އަޑު އިވިވަޑައި ގެންނެވި ކަމަށް ވެސް ނުހައްދަވައި ބޮރިސް ގެންދަވަނީ ހުސްވެފައި ހުރި މަގާމުތަކަށް ވަޒީރުންނާއި މެމްބަރުން އައްޔަށް ކުރައްވަމުންނެވެ.

އިނގިރޭސިވިލާތުގެ އިގުތިސޯދު އާދަޔާ ޚިލާފަށް ދަށްވެ އަދި ތަކެތީގެ އަގުބޮޑުވާން ދިމާވެފައި ވަނީ ވެސް ސަރުކާރު ހިންގުމުގައި ހަރުދަނާ ކަމެއް ނެތުމުން ކަމަށް އިދިކޮޅުން ބުނެ އެވެ.

އިދިކޮޅުން ބުނާ ގޮތުން ބޮރިސްއަށް މިވަގު އެންމެ ރަނގަޅުވާނީ އިސްތިއުފާ ދެއްވުމަށް ފަހު އިންތިހާބެއް އަލުން ބޭއްވުމެވެ. އިނގިރޭސި ސަރުކާރަށް އުފުލަން ޖެހިފައި ހުރި ބުރަ ބޮޑުވަޒީރަށް އުފުލައި ދެއްވާނެ މީހަކު ސަރުކާރުގައި ނެތް ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.