އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ބޮޑުވަޒީރުގެ މަގާމަށް ދެން ވާދަނުކުރައްވާނެ ކަމަށް ސްކައި ނިއުސް އިން ބުނެފި އެވެ.
އެހެން ނަމަވެސް ކޮންޒަވޭޓިވް ޕާޓިގެ ލީޑަރުގެ މަގާމަށް ވާދަކުރެއްވުމަށް ބޭނުންވާ 100 މެމްބަރުގެ ސޮއި ޖޯންސަންއަށް ލިބިވަޑައިގެންފައިވާ ކަމަށް ބުނާ ޚަބަރުތަކެއް އޮތީ ފެތުރިފަ އެވެ.
އަނެއްކޮޅުން ލިޒް ޓްރަސް ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ޖޯންސަންއަށް ވުރެ ވަކި ގާބިލު ބޭފުޅަކު ނެތް ކަމަށްވެސް ގިޔަ ބަޔަކު އެއްބަސްވެ އެވެ.
ބޮރިސް ޖޯންސަން ވާދަނުކުރައްވާ ގޮތަށް ނިންމެވުމުން ކުރީގެ ޗާންސެލަރު -- ފައިނޭންސް މިނިސްޓަރު ރިޝީ ސުނާކްއަށް ފުރުސަތު ބޮޑުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ލިޒް ޓްރަސް މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވުމާ ގުޅިގެން އެންމެ ގަދައަށް ދެކެވުނު ވާހަކަ އަކީ ޖޯންސަން އޭނާގެ ކުރީގެ މަގާމަށް އެނބުރި ވަޑައިގަންނަވާނެ ވާހަކަ އެވެ.
ބޮޑުވަޒީރު ކަމުގެ މަގާމު ކާމިޔާބު ކުރުމަށް އެކަށީގެންވާ ތާއީދެއްނ އޮތް ކަމަށް ޖޯންސަން ވިދާޅުވި އެވެ. ނަމަވެސް ބޮޑުވަޒީރުގެ މަގާމަށް އަލުން ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނަ މިހާރު ވިދާޅުވާ ކަމަށް ވެއެވެ.
ޖޯންސަން އަށް ތާއިދު ކުރައްވާނެ ކަމަށް 57 މެމްބަރަކު ވަނީ އިއުލާން ކުރައްވާފަ އެވެ. ބޮޑުވަޒީރުގެ މަގާމަށް ކުރިމަތިލެވޭ ވަރަށް ވުރެ އިތުރަށް -- 102 މެމްބަރުންގެ ތާއީދު އޮތް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޖޯންސަން ރޭހުން ވަކިވެވަޑައިގަތުމުން ބޮޑުވަޒީރުގެ މަގާމަށް ދެން ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ރިޝީ ސުނާކް އެވެ.
ޖޯންސަން ސަރުކާރުގައި ސުނަކް ވަނީ 2020 އިން 2022ގެ ނިޔަލަށް ފައިނޭންސް މިނިސްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ. ބޮޑުވަޒީރުގެ މަގާމަށް އޭނާ ކުރިމަތިލެއްވީ ޖޯންސަން އިސްތިއުފާ ދެއްވުމުންނެވެ.