ދުނިޔެ

ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުން މިހާރު ބޭނުންވަނީ އުނބަށް ޖަހަން

އިނގިރޭސި ބޮޑުވަޒީރު ލިޒް ޓްރަސް ހަމަ މިހާރު އިސްތިއުފާ ދެއްވަންވީ އެވެ. ހެއްދެވުނު ގޯސްތައް ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވެ މައާފަށް އެދިވަޑައިގެންނެވި ނަމަވެސް ކޮންޒަވޭޓިވް ޕާޓީގެ ގިނަ މެމްބަރުން ވެސް ލިޒް މަގާމުގައި ބަހައްޓަވާކަށް މިހާރު ބޭނުމެއް ނުވެ އެވެ.

ލިޒް ޓްރަސް ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތީ މީގެ ހައެއްކަ ހަފުތާ ކުރިން -- ސެޕްޓެމްބަރު 6، 2022 ގައެވެ. އެކަމަކު އިނގިރޭސި ބޮޑުވަޒީރެއްގެ ކިބައިން ގައުމު ބޭނުން ނުވާ ކިތަންމެ ކުށެއް އެކަމަނާއަށް ވަނީ ކުރެއްވިފަ އެވެ.

ކޮންޒަވޭޓިވް ޕާޓީން މިހާރު ބޭނުންވަނީ އުނބަށް ޖަހާށެވެ. ބޮޑުވަޒީރުގެ މަގާމުން -- އަމިއްލަ ޕާޓީގެ މެމްބަރުންގެ ޕްރެޝަރާ ހެދި އިސްތިއުފާ ދެއްވި ބޮރިސް ޖޯންސަން (ބޯޖޯ) މަގާމަށް އަލުން ގެންނައުމަށެވެ.

ބުނެވޭ ގޮތުގައި ބޮޑުވަޒީރުގެ މަގާމަށް ބޯޖޯ ގެންނެވުމަށް 55 ޕަސެންޓް ކޮންޒަވޭޓިވް މެމްބަރުން ބޭނުންވާކަން ވަނީ ހާމަކޮށްފަ އެވެ. އެކަމަކު ބޯޖޯއަށް ވެސް ބޮޑުވަޒީރުގެ މަގާމު ގެއްލި ވަޑައިގަތީ ހެއްދެވުނު ގޯސްތަކެއްގެ ސަބަބުންނެވެ. ދުނިޔެއަށް ކޮވިޑް ފެތުރިގަތް ވަގުތު އެ މަނިކުފާން އުޅުއްވީ ޕާޓީކުރެއްވުމުގަ އެވެ.

ބޮރިސްގެ ރެކޯޑްގައި އެހެން ގޯސްތަކެއް ހުރި ކަަމަށް ވެސް ވެއެވެ. އަމިއްލަ ޕާޓީގެ މެމްބަރުން ދިފާއު ކުރެއްވުމުގައި އިނގިރޭސި އާންމުންގެ ރޫހާއި އިހުސާސަށް މާބޮޑު ނަޒަރެއް ބޮރިސްއަށް ހިންގިފައެއް ނެތެވެ.

ބޮރިސްއަށް ފަހު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވާދަކުރެއްވި ރިޝީ ސުނަކް އަކީ ވެސް އިޚުތިޔާރެއް ކަމަށް ޕާޓީ މެމްބަރުން ބުނެ އެވެ. ގިނަ ބަޔަކު ބުނަނީ ލިޒް ނޫން ކޮންމެ މީހަކު ވެސް މި ވަގުތަށް ކަމުދާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގައުމު މިވަގުތު އޮތް ހާލަތަށް ބަލާއިރު ބޮޑުވަޒީރުގެ މަގާމުގައި ބޮރިން ޖޯންސަން ނޫން އެހެން ބޭފުޅަކު ހުންނަވައިގެން ނުވާނެ އެވެ.

އިނގިރޭސި ބޮޑުވަޒިރުގެ މަގާމަށް އިހްތިޔާރުތަކެއް ހުރި ނަމަވެސް ތަޖުރިބާ އާއި ކަންކުރަން އެނގުމުން ހުރިހާ ކަމެއް ފޫބެއްދޭނެ ކަމަށްވެސް ޕާޓީގެ މެމްބަރުން ބުނެ އެވެ.

ކޮންޒަވޭޓިވް ޕާޓީއަށް ލަފާދެއްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ލިޒް ޓްރަސް ބޮޑުވަޒީރު ކަމުން ދުރުކުރައްވާނަމަ ދެން އޮތް އެންމެ ރަނގަޅު އިހްތިޔާރަކީ ބޮރިސް ޖޯންސަނެވެ.

ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އިނގިރޭސި ބޮޑުވަޒީރުގެ މަގާމު ބޮރިސް ޖޯންސަން ނޫން ބޭފުޅަކަށް ނުފުރުއްވޭނެ އެވެ.