ދުނިޔެ

ބޮރިސް ޖޯންސަން ބޮޑުވަޒީރުގެ މަގާމަށް އަލުން ވާދަކުރައްވަނީ

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ޑޮމިނިކަން ރިޕަބްލިކް އަށް ކުރެއްވި ޗުއްޓީ ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެންފި އެވެ.

ބޮރިސް ޖޯންސަން ގައުމަށް ވަޑައިގަތީ އިނގިރޭސި ބޮޑުވަޒީރުގެ މަގާމަށް ވާދަކުރެއްވުމަށް ކަމަށް އަޑުތައް އޮތީ ފެތުރިފަ އެވެ. ލިޒް ޓްރަސް އިސްތިއުފާ ދެއްވުމާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރުގެ މަގާމު މިހާރު އޮތީ ހުހަށެވެ.

ޖޯންސަން ޗުއްޓީއަށް ވަޑައިގެންނެވި ނަމަވެސް ޕާލަމެންޓުގެ ޖަލްސާތަކަށް ހުއްުޓުމެއް ނާދެ އެވެ. އެހެން ނަމަވެސް، އިނގިރޭސި ލީޑާޝިޕަށް ވާދަކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ މަޖިލިސް ބައްދަލުވުން ތަކުގައި މިހާރު ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ޚަބަރުތައް ބުނެ އެވެ

ޖޯންސަން ބޮޑުވަޒީރު ކަމަށް އަލުން ވަޑައިގަތުމަކީ އެދެވޭ ކަމެއް ކަމަށް ކޮންޒަވޭޓިވް ޕާޓީގެ ބައެއް މެމްބަރުން ބުނެ އެވެ. އަދި ބައެއް މެމްބަރުން ދެކޭ ގޮތުގައި ބޮޑުވަޒީރުގެ މަގާމަށް ޖޯންސަން ވާދަކުރެއްވުމަކީ ބައިބައިވުން އުފެދޭނެ ކަމެކެވެ.

މިކަމާ ގުޅިގެން ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ތެރޭގައި މިހާރު ވެސް އޮތީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. ޖޯންސަން ބޮޑުވަޒިރު ކަމަށް ވާދަކުރައްވާނަމަ ޕާޓީން މުޅިން ވަކިވާނެ ކަމުގެ އިންޒާރުވެސް ބައެއް މެމްބަރުން ވަނީ ދެއްވާފަ އެވެ.

ޖޯންސަން މަގާމުން ދުރުކުރީ އަޚުލާގީ ގޮތުން ދަށް އަމަލުތަކެއްގެ ސަބަބުން -- މީގެ ހައެއްކަ ހަފުތާ ކުރިންނެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ޕާޓީކުރެއްވުމާއި އާންމު އަޚުލާގާ ދުރު އަދި އަދަބު ކުޑަ ބައެއް އަމަލުތަކުގެވެސް ސަބަބުންނެވެ.

ކޮންޒަވޭޓިވް ޕާޓީން އެކުލަވާލި އާގަވާއިދު ބުނާ ގޮތުން ބޮޑުވަޒީރުގެ މަގާމަށް ޝައުގުވެރިވެ ވަޑައިގަންނވާ ކޮންމެ ކެންޑިޑޭޓަކު ވެސް ތާއީދު އޮތްކަން ސާބިތުކުރުމަށް 100 މެމްބަރުނެގެ ސޮއި ހުށަހަޅަން ޖެހެ އެވެ. އެހެންކަމުން މިފަހަރު ތިން ކެންޑިޑޭޓުންނަށް ވުރެ ނަން ލިސްޓް ދިގުވެގެން ނުދާނެ އެވެ.

ޖޯންސަން ސަރުކާރުގެ ފައިނޭންސް މިނިސްޓަރު ރިޝީ ސުނަކް ވެސް ބޮޑުވަޒީރުގެ މަގާމަށް ވާދަކުރައްވަ އެވެ. ޖޯންސަން އިސްތިއުފާ ދެއްވުމާ ގުޅިގެން ފުރަތަމަ ބުރުގައި ވެސް ސުނަކް ވާދަކުރެއްވި އެވެ. އެކަމަކު ހޮވުނީ ލިޒް ޓްރަސް އެވެ.

ކޮންޒަވޭޓިވް ޕާޓީ ތެރޭގައި ސުނަކަށް ތާއީދު އޮތް ނަމަވެސް މީގެތެރޭގައި ގިނައީ ޖޯންސަންއަށް ވަފާތެރި މެމްބަރުންނެވެ. އެހެންކަމުން ޖޯންސަން ބޮޑުވަޒީރު ކަމަށް ވާދަކުރައްވާ ނަމަ ސުނަކަށް ފުރުސަތު ހަނިވުމަކީ އޮތް ކަމެކެވެ.

ޖޯންސަން އަށް ޕާޓީ ތެރޭގައި އޮތް ތައީދު އެހެން ބޭފުޅުންނަށް ވުރެ ބޮޑެވެ. އަދި ޕާޓިގެ ބައެއް ގޮފިތަކުގައި ޖޯންސަން އަކީ ރަސްކަލެއް ކަހަލަ ބޭފުޅެކެވެ.

ޖޯންސަން އާއި ސުނަކް ވެސް ކެމްޕޭން ފައްޓަވާފައިވާއިރު އެ ބޭފުޅުންނާ ގުޅުން ހުރި މަސްދަރުތަކުން އެ ގައުމުގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ދެ ބޭފުޅުންނަށް ވެސް 100 މެމްބަރުން ވަނީ ހަމަވެފަ އެވެ.

ތިންވަނަ ކެންޑިޑޭޓެއް ގޮތުގައި ނަން ލިސްޓްގައި އޮތީ ޕެމީ މޯޑަންޓް އެވެ. އެއީ މިހާތަނަށް ބޮޑުވަޒީރުގެ މަގާމަށް ވާދަކުރައްވާނެކަން އިއުލާންކުރެއްވި ހަމައެކަނި ކެންޑިޑޭޓެވެ. އޭނަ މިހާތަނަށް ހުންނެވީ އިނގިރޭސި ގާނޫނު ހަދާ މަޖިލީސް -- ހައުސް އޮފް ކޮމަންސްގެ ލީޑަރުގެ މަގާމުގަ އެވެ.

އެހެންނަމަވެސް އޭނާއަށް އަދި 100 މެންބަރުންގެ ތާއީދު ހޯދިފައެއް ނުވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މެމްބަރުން ހަމަކުރުމުގައި އޭނާއަށް ދަތިތަކެއް ކުރިމަތިވެދާނެ އެވެ.