ވިޔަފާރި ވެރިންގެ ޖަމްއިއްޔާ

ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ އާ ބޯޑު އެކުލަވާލައިފި

Jul 4, 2021
3

ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ އައު ބޯޑު އެކުލަވާލައިފި އެވެ.

ޖަމިއްޔާގެ މި ދައުރުގެ ރައީސަކަށް ހޮވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި މޫސާ މަނިކުގެ ދަރިކަލުން މުދުރިކަތު މޫސާ އެވެ. ނައިބު ރައީސަކަށް ހޮވާފައި ވަނީ އާޝިއާ އަޒީމާ އެވެ.

އަލަށް ހޮވުނު 11 މެންބަރުންގެ ބޯޑުގެ ދައުރަކީ އެއް އަހަރެވެ. އަދި މި ބޯޑުގައި ހިމެނޭ 40 ޕަސެންޓަކީ އަންހެން ބޭފުޅުންނެވެ.

ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ އާ ރައީސް މުދުރިކަތު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑާ ގުޅިގެން ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ޖަމިއްޔާގެ މިދައުރުގައި ވިޔަފާރިތަކުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މުދުރިކަތު ވިދާޅުވި ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ "ކޮވިޑް ރިކަވަރީ ޕްލޭން" އެއް އެކުލަވާލާށެވެ. އަދި އެކަން ކުރުމުގެ ކުރިން ވިޔަފާރިވެރިންގެ ހިޔާލާއި މަޝްވަރާ ހޯދަން ވެސް ޖަމިއްޔާ އިން ދަނީ ތައްޔާރުވަމުންނެވެ.

"އަޅުގަނޑުމެންނަށް މިހާރު ބޮޑަށް މި ފެންނަނީ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ލޯނު ދޭ ތަން. ލޯނުގެ މައްޗަށް ލޯނު ދިނީމާ އެ އަދި މުޅިން ހައްލަކަށް ނުވޭ. އެއާއެކު ރިކަވަރީ ޕްލޭނެއް އޮންނަން ޖެހޭ. އެ މަސައްކަތް އަޅުގަނޑުމެން މިއުޅެނީ ކުރަން،" މުދުރިކަތު ވިދާޅުވި އެވެ.

އަލަށް އެކުލަވާލި ބޯޑުގައި އަންހެން ބޭފުޅުން ގިނަ އަދަދަކަށް ހިމެނީ ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު އިތުރުވަމުންދާތީ އަންހެން ބޭފުޅުންގެ ބައިވެރިވުމާއި އެމީހުންގެ ދައުރު އިތުރުކުރުމުގެ ގޮތުން ކަމަށްވެސް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.

ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ މިދިޔަ ދައުރުގެ ރައީސަކަށް ހުންނެވީ އިސްމާއީލް ނޫރައްދީން އެވެ. ނައިބު ރައީސަކަށް ހުންނެވީ އިސްމާއީލް އާސިފް އެވެ.