ރެފިއުޖީން

ނަސޯރާ ރެފިއުޖީންނަށް އެކަނި ހިމާޔަތްދޭން ބުނާތީ އޮބާމާ ރައްދުދެއްވައިފި

މެދުއިރުމަތިން ހިމާޔަތަށް އެދި އަންނަ ރެފިއުޖީންގެ ތެރޭން އެމެރިކާއިން ހިމާޔަތް ދޭން ޖެހޭނީ ހަމައެކި ނަސޯރާއިންނަށް ކަމަށް ބުނާ އެގައުމުގެ ސިޔާސީ ފަރާތްތަކަށް ބަރަކް އޮބާމާ ރައްދު ދެއްވައިފިއެވެ.

"ބައެއް ފަރާތްތަކުން ހަމައެކަނި ނަސޯރާ ރެފިއުޖީންނަށް ހިމާޔަތްދޭ ވާހަކައާއި، މުސްލިމް ރެފިއުޖީންނަށް ހިމާޔަތް ނުދޭ ވާހަކައާއި، ހަނގުރާމައިގާ ހަފުސް ވެފައިވާ ހިސާބުތަކުން އަންނަ މީހުންގެ ދީން ޓެސްޓު ކުރާ ވާހަކަ ދެއްކުމުން، އަހަރެންނަށް އެއީ ވަރަށް ލަދުވެތި ވާހަކަތަކެއް." ޖީ-ޓުވެންޓީ ބައްދަލުވުމުގެ ހާވާސާގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އޮބަމާ ވިދާޅުވިއެވެ.

ހަމައެކަނި ނަސޯރާ ރެފިއުޖީންނަށް ހިމާޔަތް ދިނުމަށް ތާއީދުކޮށް ވާހަކަ ދެއްކެވި އެއް ފަރާތަކީ އެމެރިކާގެ ރައީސް ކަމަށް ވާދަކުރަމުން އަންނަ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޑަބްލިއު ބުޝްގެ ކޮއްކޯފުޅު ޖެބް ބުޝް އެވެ. ދެން އެންމެ ފާޅުގައި މިކަމަށް ވަކާލާތު ކުރާ ފަރާތަކީ ޓެކްސަސްގެ ސެނެޓަރެއް ކަމަށްވާ ޓެޑް ކްރޫޒްއެވެ. މީގެ އިތުރުން އެމެރިކާގެ ދެބައިކުޅައެއްބައި ސްޓޭޓް ތަކުގެ ގަވަރުނަރުން ވަނީ ޕެރިސް ހަމަލާއަށް ފަހު ހިމާޔަތަށްއެދި ސީރިޔާއިން އަންނަ މުސްލިމް ރެފިއުޖީންނަށް ހިމާޔަތް ދިނުމުގައި ކަންބޮޑުވުންތައް އެބަހުރި ކަމަށް ވިދާޅުވެފައެވެ.

އޮބާމާ އިތުރަށް ވިދާޅުވީ ސީރިޔާއިން އަންނަ ރެފިއުޖީންނަކީ ޓެރެރިޒަމްގެ ނުރައްކަލާ ކުރިމަތިވެފައިވާ މީހުން ކަމަށާއި އެއީ ވެސް މައިން ބަފައިންނާއި، ދަރިންނާއި ޔަތީމު ކުދިން ކަމަށެވެ. އެހެންކަމުން އެމީހުންގެ މެދުގައި ތަފާތުތައް ގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެމެރިކާގެ ނައިބް ރައީސްވެސް ވަނީ މި މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. ގަވަރުނަރުންނާއި ރިޔާސީ ކެނޑިޑޭޓުންގެ ދެކޮޅުހެދުމާއި އެކުވެސް، ވައިޓް ހައުސް އިން ބުނީ ސީރިޔާގެ ދިހަ ހާސް ރެފިއުޖީންނަށް ހިމާޔަތް ދިނުމަށް އެމެރިކާއިން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ.