ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި ދޭން އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު ވިދާޅު ވެއްޖެ އެވެ.
ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން މެދުވެރިކޮށް ދައުލަތުން އެދުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.
ޝަމީމް މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓުން މިއަދު ޕާސްޕޯޓުގެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމަމުން އަލީގެ ޕާސްޕޯޓު ހިފަހައްޓާނެ މަގުސަދެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ ގާޒީ ހަސަން ސައީދު ކަމަށް ވެސް ވިދާޅުވި އެވެ.
"މި މައްސަލަ އަޅުގަނޑުމެން ހައިކޯޓުގައި އެޕީލް ކުރާނަން. އަޅުގަނޑު މި ދަންނަވަނީ މީނައަކީ ފިލައިގެން އުޅޭ މީހެކޭ. ހައިކޯޓަށް ވެސް ނުފެނިފައި ހުރި މީހެކޭ. ކްރިމިނަލް ކޯޓަށް ނުފެނިފައި ހުރި މީހެކޭ އަދި ސުޕްރީމް ކޯޓަށް ވެސް ނުފެނި އުޅުނު މީހެއް ކަމަށް ލިޔެކިޔުންތަކުން ފެންނަން އެބަ އޮތޭ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ އެހެންކަމުން އަލީގެ ޕާސްޕޯޓު ހިފަހައްޓާނެ ސަބަބުތައް އޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އަލީގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލު ކުރުމާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންފައި ވަނީ ފެބްރުއަރީ ނުވަވަނަ ދުވަހު އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ކޯޓުން ވަނީ އޭނާ އުޅޭ އެޑްރެސް ހޯދުމަށް ދައުލަތަށް މުއްދަތެއް ދީފަ އެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ދައުލަތަށް އޭނާ އުޅޭ އެޑްރެސް ހޯދިފައި ނުވުމުން ހައިކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައިފަ އެވެ.
އިމިގްރޭޝަނުން އޭރު ބުނެފައި ވަނީ އަލީ ފުރައިގެން ދިޔައީ ތުރުކީވިލާތަށް ކަމަށެވެ.
އަލީ ވަހީދުގެ މައްސަލާގައި އެންމެ ފަހުން މިދިޔަ ހޯމަ ދުވަހު އޮތް އަލީގެ ޝަރީއަތުގެ އަޑުއެހުމަށް އޭނާ ހާޒިރުވީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގައި ހުންނަވައިގެންނެވެ. ނަމަވެސް ޕީޖީ އޮފީހުން ކުރިން ވަނީ އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވަނީ ކޮން ތަނެއްގައި ހުންނަވައިގެން ކަން ނޭނގޭތީވެ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ކޯޓުގައި ބުނެފަ އެވެ.
ޕީޖީ އޮފީހުން ބުނީ ރާއްޖޭގެ ބާރު ނުހިނގާ ތަނެއްގައި ހުންނަ މީހެއްގެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ ޖިނާއީ އަދުލުގެ ނިޒާމު ދަންނަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަލީ ވަހީދު ބައިވެރިވާ ގޮތަށް އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދަން ނިންމާފަ އެވެ. ޕީޖީ އޮފީހުން މިހާރު ވަނީ ކްރިމިނަލް ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލަ ހައިކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.
އަލީގެ ޕާސްޕޯޓް ހިފަހައްޓަން ކުރި އަމުރު ބާތިލުކުރީ ގާޒީ ހަސަން ސައީދެވެ. އެ މައްސަލަ ޖޭއެސްސީން މިހާރު ބަލަމުން އަންނައިރު އެ ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައި ދައުވާ ލިބޭ މީހާ ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރެއް ބާތިލު ކުރުމަށް ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނު އަސާސީއާ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެެ. އަދި އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅޭ ގޮތަށް އަދި ޖިނާއީ ދައުވާ ލިބޭ އެހެން ފަރާތްތަކާ މެދު އަމަލު ކުރާ ގޮތާއި ތަފާތު ގޮތަކަށް ކަން ކޮށްފައިވާ ކަމަށެވެ.