ރާއްޖެ ކުޅިވަރު

އޭއެފްސީގެ ސިލްވާ އެވޯޑް ރެފްރީ ސައީދަށް ދީފި

އޭޝިއަން ފުޓްބޯލް ކޮންފެޑޭރޭޝަން (އޭއެފްސީ)ގެ ސިލްވާ އެވޯޑް ކުރީގެ ރެފްރީ މުހައްމަދު ސައީދު އަށް މިއަދު ދީފި އެވެ.

މި އަހަރު ފީފާ ބެޖް ލިބުނު ރެފްރީންނަށް ބެޖް ހަވާލުކުރުމުގެ ގޮތުން އެފްއޭއެމް ހައުސްގައި މިއަދު ހެނދުުނު ބޭއްވި ރަސްމިއްޔާތުގައި އޭއެފްސީގެ އެވޯޑް ސައީދަށް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން މުހައްމަދު ޝަވީދެވެ. ސިލްވާ އެވޯޑަކީ ފުޓްބޯޅަ އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އޭއެފްސީ އިން ދޭ ހާއްސަ އެވޯޑެކެވެ.

ފީފާ ބެޖް 1993 ވަނަ އަހަރު ހޯދި ސައީދު ވަނީ ރެފްރީކަން ކުރުމުގައި ގިނަ އަހަރުތަކެއް ހޭދަކޮށް، ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުގެ ތަޖުރިބާ ހޯދައިފަ އެވެ. ސައީދުގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ރޮނގު ބެލެހެއްޓުމުގެ ފުރުސަތު އޭނާ އަށް ލިބުމެވެ. މިހާތަނަށް ސައީދު ނޫން އެހެން ރެފްރީ އަކަށް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ މުބާރާތުން ފުރުސަތެއް ނުވެ އެވެ. އެ މުބާރާތުގައި މުޅު ދުނިޔޭގެ ސަމާލުކަން ލިބުނު އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރި މެޗުގައި ސައީދު ވަނީ ރޮނގު ބަލަހައްޓައިފަ އެވެ. އަދި އެ މުބާރާތުގެ ކުއާޓާ ފައިނަލްގައި އިންގްލެންޑާއި ބްރެޒިލް ބައްދަލުކުރި ވަރުގަދަ މެޗުން ވެސް ސައީދަށް ފުރުސަތު ލިބުނެވެ.

މީގެ އިތުރުން ސައީދު ވަނީ އޭޝިއާގެ އެންމެ ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭޝިއަން ކަޕްގެ ފައިނަލް އިން ސައީދު ވަނީ ފުރުސަތު ހޯދައިފަ އެވެ. އަދި ފީފާ ޔޫތު ވޯލްޑް ކަޕާއި ކޮންފެޑެރޭޝަންގެ ކަޕްގެ ތަޖުރިބާ ވެސް ސައީދު ވަނީ ހޯދައިފަ އެވެ.

ރެފްރީކަމުން ސައީދު ރިޓަޔާކުރި ނަމަވެސް، ރެފްރީން ދާއިރާގައި ސައީދު އަދިވެސް އަމަލީ ގޮތުން ހަަރަކާތްތެރިވެ އެވެ. ސައީދަކީ މިހާރު ރެފްރީން ތަމްރީންކުރުމުގެ މަސައްކަތް ކުރާ ރެފްރީޒް އިންސްޓްރަކްޓަރެކެވެ.

އޭއެފްސީން ކޮންމެ އަހަރު ވެސް ދޭ ސިލްވާ އެވޯޑް ސައީދަށް ލިބުނީ މިދިޔަ އަހަރެވެ. އެކަމަކު އެ އެވޯޑް އޮތީ އެފްއޭއެމް އިން އޭނައާ ހަވާލުނުކޮށެވެ. ސައީދާއެކު، ސިލްވާ އެވޯޑް ލިބުނު އެފްއޭއެމްގެ ކުރީގެ ޗެއާމަަން އަބްދުއްޝުކޫރަށް ވެސް އެވޯޑް ހަވާލުކުރީ މި މަހު އެވެ.