- 10 ފޫޓުގެ ސްޓޯލެއް ވިއްކަނީ 1،500ރ. އަށް
- 15-20 ފޫޓުގެ ސްޓޯލެއްް ވިއްކަނީ 6،000ރ. އަށް
- ނައިޓް މާކެޓު ބާއްވަނީ 10 ރެއަށް
ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އާއި ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން އަންނަ މަހު ހުޅުމާލޭގައި ނައިޓް މާކެޓެއް ބާއްވަން ނިންމައިފި އެވެ.
އެޗްޑީސީގެ ކޮމިއުނިޓީ އެންގޭޖްމަންޓް ފެސިލިޓޭޓަރު މުހައްމަދު ރަޝީދު ވިދާޅުވީ އަންނަ މަހުގެ 10-19 އަށް ހުޅުމާލެ ސެންޓަރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ނައިޓް މާކެޓް ހުޅުމާލޭގައި ބާއްވަން ނިންމީ ހުޅުމާލޭގައި ދިރިއުޅޭ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.
"ހުޅުމާލޭގައި ބޮޑު ސަރަހައްދެއް އެބައޮތް. އެހެންވެ ތަނަވަސްކޮށް އޮތީގެ އެތަނުގައި މިފަދަ މާކެޓެއް ބާއްވަން ފަސޭހަ ވާނެ،" ރަޝީދު ވިދާޅުވި އެވެ.
މި ނައިޓް މާކެޓުގައި ބައިވެރިވުމުގެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވާލާފަ އެވެ މި ނައިޓް މާކެޓުގައި ހަތަރު ސައިޒެއްގެ ޖާގަ ވިއްކާނެ ކަމަށެވެ. އެ ގޮތުން 10 ފޫޅުގެ ސްޓޯލެއް ވިއްކަނީ 1،500ރ. އަށެވެ. އަދި 20-15 ފޫޓުގެ ޖާގައެއް ވިއްކަނީ 6،000ރ. އަށެވެ.
ރަޝީދު ވިދާޅުވީ ވަރަށް އަވަހަށް މާކެޓުގެ ޕްރޮމޯޝަންތައް ފަށާނެ ކަމަށެވެ. އަދި ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެ ކެންޓީނެއް ވެސް ނައިޓް މާކެޓުގައި ހުންނާނެ. ކެންޓީނެއް ވިއްކަނީ 6،000ރ. އަށް. 15 ފޫޓު 20 ފޫޓުގެ ޖާގަ މި ވިއްކަނީ ފަރުނީޗަރު ފަދަ ތަކެތި ވިއްކާ ފަރާތްތަކަށް،" ރަޝީދު ވިދާޅުވި އެވެ.