އަލީ އާޒިމް

އަދިވެސް ހިދުމަތް ލިބެނީ ސަލާން ޖަހައިގެން: އަލީ އާޒިމް

ރައްޔިތުންނަށް އަދިވެސް ހިދުމަތްތައް ލިބެނީ ސަލާން ޖަހައިގެން ކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ޖިންސީ ގޯނާ ކުރުން ހުއްޓުވަން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރަށް މިއަދު ކުރި ބަހުސްގައި އާޒިމް ވިދާޅުވީ ގާނޫނުތަކާއި އުސޫލުތައް ހެދިފައި ހުރި ނަމަވެސް އެ ކަންކަން ތަންފީޒު ކުރުމުގައި މައްސަލަަތަކެއް އުޅޭ ކަމަށާއި ޖިންސީ ގޯނާ ފަދަ މައްސަަލަތައް ހުށަހަޅަން މީހުން ފަސް ޖެހެނީ ވެސް އެހެންވެ ކަމަށެވެ.

ހަމަ އެެހެންމެ ކަންކަން ނުވެގެން ވުޒާރާތަކުގެ އިސްވެރިންނަށް ގުޅައިގެން ކަންކަން ކުރުމުގެ ސަގާފަތެއް ދެމިގެން ގޮސްފައިވާ ކަމަށެވެ.

"މިސާލަކަށް އައިޖީއެމްއެޗަށް ގޮސް ފަރުވާ ހޯދުމަށްފަހު ކޮޓަރިއެއް ހޯދާލަންވީމާ މި ޖެހެނީ އެތަނުގައި އިންނަ އެންމެ މަތީ މީހާއާ ގުޅައިގެން ކޮޓަރިއެއް ލިބޭތޯ ބަލަން. އާސަންދަ ހޯދަން ވެއްްޖިއްޔާ ކޮންމެވެސް މެމްބަރަަކަށް އާންމު ރައްޔިތަކު ގުޅައިގެން ނޫނިއްޔާ އެކަން ވާތަނެއް ނުފެނޭ. މިއީ މިއަދުގެ މި ސަރުކާރުގެ އޮތް ކަމެއް ނޫން... މިއީ ސަގާފަތް އަޅުގަނޑުމެންގެ ކަންކަން ހިނގަމުން އައިސްފައި އޮތް ގޮތް" އަލީ އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކަންކަން ރަނގަޅު ކޮށްގެން ނޫނީ ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ނުކުރެވޭނެ ކަަމަށެވެ. އަދި ޖިންސީ ގޯނާގެ މައްސަލަތައް ވެސް ހައްލެއް ނައިސްގެން އުޅެނީ ކޮންކޮން ފިޔަވަޅުތަކެއް ނާޅައިގެންތޯ ބެލުމަށް އާޒިމް ގޮވާލެއްވި އެވެ.