ޔޫތު މިނިސްޓަރުގެ މަގާމުން ވަކިކުރަން މަސައްކަތް ކުރަމުންދަނީ ސިޔާސީ ބަޔަކު އަޑީގައި ތިއްބައިގެން ކަމަށާ ސިޔާސީ ގޮތުން އެމަނިކުފާނަށް އަމާޒުކުރާ ކަންކަމާއި ދެކޮޅަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރައްވާނެ ކަމަށް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ކްލަބް ހައުސްގައި ރޭ ވާހަކަ ދައްކަވަމުން މަހުލޫފް ވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުގައި ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވި މައްސަލައާ ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފައެވެ. އަދި އާންމުން ކުރިމަތި ކުރި ސުވާލުތަކަށްވެސް ޖަވާބު ދެއްވާފައެވެ.
މަހުލޫފް ވިދާޅުވީ މިހާރު އޮތީ އުފައްދާފައި އޮތް މައްސަލައެއް ކަމަށާ އެ މައްސަލަ އެންމެ ފަހުން ނިމިގެންދިޔަ އެފްއޭއެމްގެ އިންތިހާބާ ވަރަށް ބޮޑަށް ގުޅޭ ކަމަށެވެ. ކުޅިވަރު އިންތިހާބުގެ ތެރެއަށް މިނިސްޓަރު މެދުވެރިކޮށް ނުފޫޒު ފޯރުވަން އެކި ގޮތްގޮތުން މަސައްކަތް ކުރިއިރު އިންތިހާބު ނިމިގެންދިޔައީ އެފަދަ އެއްވެސް ނުފޫޒެއް ފޯރުވުމަށް ފުރުސަތު ނުދެއްވާކަން މަހުލޫފް ފާހަގަ ކުރެއްވިއެވެ.
މަހުލޫފް ވިދާޅުވީ މިހާރު އޮތް މައްސަލައަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ބަޔަކު ކުރާ ކަމެއް ކަމަށާ ނަމަވެސް އޭނާއަކީވެސް ސިޔާސީ މީހެއްކަން ދަންނަން ޖެހޭނެ ކަމަށެވެ. ސިޔާސީ ގޮތުން ހަމަލާ ދިނުމުން މަޑުމަޑުންގޮސް ހުންނާނެ ކަމަށް ދެކިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެމްއެމްޕީއާރުސީގެ މައްސަލާގައި އަޅުގަނޑާ ދެކޮޅަށް އަޅުގަނޑުގެ ގައިގައި މިހާ ބާރަށް މި އެތި ފަހަރު މި ޖަހަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެން. އެހެންވީމަ އަޅުގަނޑަކީ ވަރަށް ސިޔާސީ މީހެއް، އެވަރު އެނގޭނެ މިކަން މިކުރާ ފަރާތްތަކަށް. އެހެންވީމަ އެއްވެސް ހާލެއްގައި އެ ބޭފުޅުން ހީފުޅު ކުރައްވައިގެން ނުވާނެ އަޅުގަނޑުގައި މިހެން ނޭންގޭ ކަމަށް ހަދާފައި ބޮޑިއެއް އަޅާލީމަ އަޅުގަނޑު ވަރަށް މަޑުމަޑުން އަރިއަކަށް ޖެހިލާނެ ކަމަށް. އެހެނެއް ނުވާނެ. އަޅުގަނޑުގެ ގައިގައި ސިޔާސީ ގޮތުން ޖެހީމަ އަޅުގަނޑުވެސް ސިޔާސީ ގޮތުން ޖަހާނެ،" މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ މައްސައެއް އުފަންކޮށްގެން އުޅޭ އެންމެ ބޮޑު ސަބަބަކީ މަގާމު ގެއްލުވާލުން ކަމަށެވެ. އެކަން ފުރަތަމަ ކުރަން މަސައްކަތް ކޮށްފައިވަނީ މަޖިލީސް ތެރެއިން ކަމަށާ މަޖިލީސް މެންބަރުންގެ ތާއީދު ނުލިބުމުން އެކަން ނުކުރެވުނީ ކަމަށެވެ.
"އަޅުގަނޑު ދެރަވަނީ އެބަޔަކަށްޓަކައި އެވަރުގެ ގުރުބާނީއެއްވީ ބަޔަކު އަޅުގަނޑަށް ކޮން ކަމެއް ކުރެވިގެންބާއޭ މި އުޅެނީ އެވަރުގެ ބޮޑިއެއް އަޅުގަނޑަށް ދޭން ހިފާލާފައި ތިބީމަ. އަޅުގަނޑަކަށް އަންޑަސްޓޭޑެއް ނުވޭ އިނގޭތޯ. އެއަށްވުރެ އަޅުގަނޑަށް މާ ހިތްހަމަޖެހޭނެތާ އަޅުގަނޑު ކައިރިއަށް އައިސް މަހުލޫފުއޭ ކަލޭ ތި މަގާމުގައި ހުންނާކަށް ބޭނުމެއް ނެތީ. މިތަނުގައި ރީއްޗަށް އިސްތިއުފާ ދީފައި ދޭންވީއޭ،" މަހުލޫފް ވިދާޅުވިއެވެ.