ހިޔާ މަޝްރޫއު

ހިޔާ ޕޯޓަލްގައި އަމިއްލަ އެކައުންޓް ހުޅުވަން އެދިއްޖެ

Jul 6, 2021

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކުން "ހިޔާ 7000 ޕޯޓަލް" ގައި އަމިއްލަ އެކައުންޓް ހުޅުވައި ރަޖިސްޓްރީ ވުމަށް އެޗްޑީސީ އިން އެދިއްޖެ އެވެ.

އެޗްޑީސީން ބުނީ އެގްރިމަންޓްގައި ސޮއިކުރުމުގެ ކުރިން ފްލެޓް ލިބުނު ފަރާތްތަކާ ގުޅޭ ބައެއް އިތުރު މައުލޫމާތު ބޭނުންވާ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް އެ ޕޯޓަލްގައި ރަޖިސްޓަރީވުމަށް ވަނީ އެދިފަ އެވެ.

މި ޕޯޓަލްގެ މައިގަނޑު މަގުސަދަކީ ފްލެޓް ލިބިފައިވާ ފަރާތްތަކުން އެ ކޯޕަރޭޝަނަށް ލިޔެކިޔުންތައް ހުށަހެޅުމާއި އެހެނިހެން މުއާމަލާތްތައް ކުރުމުގައި ލުއިފަސޭހަ ކޮށްދިނުން ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި މި ޕޯޓަލްގެ ސަބަބުން ކޮވިޑް-19ގެ މިހާލަތުގައި ކުރިމަތިވެދާނެ ހުރަސްތަކާ އެކުވެސް ހުއްޓުމެއްނެތި އެއްބަސްވުންތަކުގައި ސޮއިކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ބުނެ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭނުންވާ މައުލޫމާތު ފޯމެއް ފުރިހަމަކުރަން ޖެހެ އެވެ. މި މައުލޫމާތުތައް ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އެގްރިމެންޓްގެ ޑްރާފްޓެއް މިހާރު އެޗްޑީސީގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.

ހިޔާ ފްލެތްތަކުގެ އެއްބަސްވުމުގައި ސޮއި ކުރަން ފަށާނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ. ފްލެޓް އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ތަޅުދަނޑިވެސް ހަވާލުކުރާނެ ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައިވެ އެވެ. ފްލެޓް ލިބުނު ފަރާތްތަކަށް އެމީހުންނަށް ލިބުނު ފްލެޓް ވެސް މިހާރު ވަނީ ދައްކާލާފަ އެވެ.