ޓެރަރިޒަމް

"ޓެރަރިޒަމާ ދެކޮޅަށް ލުއި ގޮތެއް ނުގެންގުޅެވޭނެ"

ޓެރަރިޒަމާ ދެކޮޅަށް "ސޮފްޓް އެޕްރޯޗް" ނުގެންގުޅެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމް މާނަ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލްހަކީމް ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފަ އެވެ. އެ ބިލުގެ ބޭނުމަކީ ޓެރަރިޒަމްގެ ކުށް ތަހުގީގު ކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމެވެ. އެފަރާތްތަކަށް ބައެއް ބާރުތައް ލިބިދޭ ދާއިރާތަކުގެ ދާއިރާ އަލުން ކަނޑައަޅައި ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް އަދި އެފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކަށް ހިންގަން ޖެހޭ ރިހިބިލިޓޭޝަންތައް ދިނުމަށް މަގުފަހިކޮށް ދިނުމެވެ.

އަލަށް ގެންނަން ހުށަހެޅި އިސްލާހުގައިވާ ގޮތުން ޓެރަރިޒަމަށް ތުހުމަތުވާ މީހުން ކޯޓު އަމުރަކާ ނުލައި ހިފާ ހައްޔަރުކޮށް އަދި ކޯޓަށް ހާޒިރު ކުރުމަކާ ނުލައި 48 ގަޑިއިރު ބެހެއްޓޭނެ އެވެ.

އެ ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ޓެރަރިޒަމް ހުއްޓުވަން ކުރަން ޖެހޭ މަސައްކަތްތައް ވަރުގަ ދަކުރަން ޖެހިފައިވާ ކަމަށް އޭނާ ވެސް ގަބޫލު ކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް އޭނާގެ ކަންބޮޑުވެވަޑައިގަތުމަކަށްވީ ޓެރަރިޒަމް ހުއްޓުވަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ދީނީ ގޮތުން ހަރުކަށި ފިކުުރާއި ހަރުކަށި ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުން ގިނަވެގެން ދާ ދިއުމެވެ. އަދި އެފަދަ ކަންކަމުގައި މި ސަރުކާރުން އަމަލު ކުރަނީ މީހުން ރުޅިއަންނާނެ ގޮތަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ދީނީ ހަރުކަށި ފިކުރުގެ މީހުންނަށް ވެސް ޓެރަރިޒަމްގެ މީހުންނަށްވެސް މިއަދު ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަކީ އާނދޮގޭ ކިޔާފައި ޗެެލެންޖް ކުރުމެއް ނޫން. މިއަދު ޓެރަރިޒަމަށް ވެސް ދީނީ ހަރުކަށި ފިކުރަށް ވެސް މީހުން ގެންގުޅޭ ސިޔާސަތަކީ "ސޮފްޓް އެޕްރޯޗް" އެހެންވީމަ އަޅުގަނޑުމެން ގާނޫނުން މީހުން ބަންދު ކުރެވޭ ގޮތަށް ހެދިޔަސް އެކަން ކުރަން ޖެހޭ. އެހެން ނަމަވެސް އެއާ އެކުގައި ސަރުކާރުގެ ސިޔާސަތަކަށް ވާން ޖެހޭނީ ހަރުކަށި ފިިކުރުގެ މީހުންނަށް ވެސް ލާދީނީ ފިކުރުގެ މީހުންނަށް ވެސް ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ކޮންމެ މީހަކަށް ވެސް އަޅުގަނޑުމެން ހިކުމަތްތެރިކަމުގެ ބޭނުން ކޮށްގެން މަސައްކަތް ކުރަން." އޭނާ ވިދާޅުވި އެވެ.

ޓެރަރިޒަމާ ދެކޮޅަށް "ސޮފްޓް އެޕްރޯޗް" އެއް ގެންގުޅެން ޖެހޭ ކަމަށް އާދަމް ޝަރީފު ވިދާޅުވި ނަމަވެސް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެކަމާ ދެކޮޅު ހެއްދެވި އެވެ. އަދި ޓެރަރިޒަމް ފަދަ މައްސަލަަތައް ހައްލު ކުރަން ގާނޫނުތަކަށް ކޮންމެހެން މުހިންމު އިސްލާހު ގެންނަން އުޅޭއިރު ޒިންމާދާރު ކަމާއެކު ވާހަކަ ނުދައްކަވާކަން ފާހަގަ ކުރައްވައި އޭނާ ވަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"މާލޭ މަޖީދީ މަގުގައި ބާޒާރު ކުރަން ގޮސް ތިބޭ ބައެއް... އީދަށް ހެދުން ގަންނަން ގޮސް ތިބޭ ބައެއްގެ ތެރެއަށް ބޮމެއް ގޮއްވާލުން ފަދަ އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާ ކަންތައްތަކުގައި ޕީޕއެމްއިން އެ ފާހަގަ ކުރަނީ ސޮފްޓް އެޕްރޯޗް ގެންގުޅެން. ނުގެންގުޅެވޭނެ ސޮފްޓް އެޕްރޯޗެއް." ރަޝީދު ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުތަކަށް އިސްލާހު ނުގެނެސް ދޫކޮށްލައިފި ނަމަ ރާއްޖެ އަނބުރާ ސަލާމަތުގެ އައްސޭރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެ ވާހަކަތަކުގެ ތެރެއިން އިލިޔާސް ނެންގެވީ ސީރިއާ ފަދަ ގައުމުތަކުގައި ހަނގުރާމަކުރަން ދިވެހިންތަކެއް ދިޔަ ދިއުމެވެ. އަދި އެ އެމީހުން އެނބުރި ރާއްޖެ އައިސް އެތައް ބަޔަކު އެމީހުންގެ ފިކުރަށް ލެންބުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް މި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުް ފޮނުވި މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ގާނޫނެއް. އަޅުގަނޑުމެން ރިސެސްއަށް ނުގޮސް ބުނި ގޮތަކަށް ފާސް ކޮށްދިނިން. އަނެއްކާވެސް މި ގާނޫނަށް މިއައީ އިސްލާހެއް. އަޅުގަނޑުމެން މިކަން ކޮށްދޭނަން. މިއީ އަޅުގަނޑުމެންގެ ދަރިންނަށާއި އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލަަށްޓަކައި އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް." އިލިޔާސް ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ގާނޫނަށް ކޮންމެފަދަ ބަދަލެއް ގެނެސްގެން ވެސް ޓެރަރިޒަމްގެ ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށެވެ.

"މިއީ ގެންނަން ޖެހޭ އިސްލާހުތަކެއް. މިއާ އެކީގައި ހޯމް މިނިސްޓަރު ވެސް އެ ފާހަގަ ކުރެއްވީ މީހުން ބަންދު ކޮށްގެން ގެންގުޅެން އުނދަގުލޭ. ހަމައެކަނި ހަނގުރާމައިން އަންނަ ފަރާތްތައް ގާނޫނު އޮންނަގޮތުން [މިހާރު] ބަންދު ކުރެވެނީ. އެއަށް އިސްލާހެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ އިދާރީ ފިޔަވަޅެއްގެ ގޮތުގައި މީހުން ބަންދު ކުރާނެ ގޮތެއް ގާނޫނުގަިއ ބަޔާން ކުރަނީ. މިގޮތް ވެސް އަޅުގަނޑުމެންނަށް ކަމުދޭ. މިގޮތަށް ހަދައިގެން ނަަމަވެސް އަޅުގަނޑުމެން ބޭނުންވަނީ މިކަމަށް އިސްލާހުތަކެއް ގެނެވި އަޅުގަނޑުމެން ރާއްޖެ ސަލާމަތް ކުރަން. ސަލާމަތް ކުރެވޭނީ އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިގެން" ސިރާޖު ވިދާޅުވި އެވެ.