އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ގެ ދާއިރާއިން އެކި ކޮންޓްރެކްޓްތައް ދިނުމުގައި ދިވެހި ކުންފުނިތަކަށް އިސްކަން ދިނުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ގޮވާލައްވައިފި އެވެ.
ގައުމީ ޕޭމަންޓް ސިސްޓަމްގެ ބިލަށް މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ޝަރީފު ވަނީ އައިސީޓީގެ ދާއިރާގައި ދިވެހި ޒުވާނުން ހޯދަމުންދާ ކާމިޔާބީއަށް ތައުރީފު ކުރައްވާފަ އެވެ.
އެ ކާމިޔާބީތަކުގެ އަލީގައި ރާއްޖޭގައި އައިސީޓީ ކުރިއެރުވުމުގައި ޒުވާނުންގެ ބޭނުން ހިފައިގެން ދިވެހި ވިޔަފާރިތަކާއި ދަތުރުފަތުރާއި އެހެނިހެން ނިޒާމްތައް ފުޅާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިސީޓީ ފަދަ ނިޒާމެއް ރާއްޖޭގައި ގާއިމު ކުރަން ބަލާއިރު މިހާރު ވެސް އެފަދަ މަސައްކަތްތައް ކުރަނީ ކޮންމެވެސް ބޭރުގެ ކުންފުންޏަކާ ހަވާލު ކޮށްގެން ކަމަށާއި އަދި އެކަން ކަމުގައި ކޮރަޕްޝަން އެކުލެވޭ ކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.
"ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތްތައް ދިނުމުގައި އައިސީޓީ ބޮޑަށް އިންކޯޕަރޭޓް ކޮށްގެން މަސައްކަތްތައް ބޮޑަށް ކުރިއަށް ގެންދިއުމުގެ މައްޗަށް އަޅުގަނޑު އެބަ ޖެހޭ ވަރަށް ބޮޑަށް ފާރަވެރިވެ ސަމާލުވާން. އަދި އެ ފުރުސަތުތައް ޒުވާނުންނަށް މަގުފަހި ކޮށްދެވޭނެ ގޮތަކަަށް މަސައްކަތް ކުރަން" އޭނާ ވިދާޅުވި އެވެ.
ޝަރީފްގެ ވާހަކަފުޅުގައި އައިސީޓީ ބޭނުންކޮށްގެން ވިޔަފާރިތައް ކުރުމުގައި ހިންގަމުންދާ އޮޅުވާލުންތަކުގެ މައްސަލަ ވެސް ފާހަަގަ ކުރެއްވި އެވެ. ހާއްސަކޮށް އެމްއެމްޕީއާރްސީގެ މައްސަލަ ފާހަގަ ކުރައްވައި ވިދާޅުވީ ބޮޑެތި ޗެކްތައް ޖަމާ ކުރެވިގެންދާއިރު ޝައްކު ކުރެވޭ މުއާމަލާތައް ބެލޭނެ ނިޒާމެއް އައިސީޓިގެ ތެެރެއިން ގާއިމްވެފައި ހުރުން މުހިންމު ކަމަށެވެ.