ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ޚިޔާލު ހުށައަޅަން 24 ގަޑިއިރަށްވުރެ ގިނަ ވަގުތު އާންމުންނަށް ދޭން ޖެހޭ ކަމަށް އިިދިކޮޅު ޕާޓީތަކުގެ ޕީޖީ ގުރޫޕުން ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ ޕީޖީ ގުރޫޕްގެގެ ވިސްނުން ހާމަކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަނީ ސިޓީއެއް ފޮނުއްވާފަ އެވެ. ކޮންގްރެސްގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ސޮއިކުރައްވާ ފޮނުއްވާފައިވާ އެ ސިޓީގައި ވަނީ ސަރުކާރުގެ ފަރާތުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ހުށައަޅާފައިވާ ބިލަކީ ރައްޔިތުންނަށް މިހާރު ލިބިދޭ ވަރަށް ގިނަ ހައްގުތައް ހަނި ކުރެވޭ ބިލަކަށްވާތީ، އެ ބިލަށް ވީހާވެސް ގިނަ ރައްޔިތުންގެ ޚިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެހެންކަމުން ގައުމަށް ނުރައްކާ ވާފަދަ ހާލަތެއް މިވަގުތަށް ކުރިމަތިވެފައި ނުވާނަމަ، މި ބިލް ފާސް ކުރުމުގެ ކުރިން އާންމުންނަށް ޚިޔާލު ހުށައެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދެއްވުމަކީ ވާދަވެރި ޕާޓީތަކުގެ ޕީޖީ ގުރޫޕުން އެދޭ ކަމެއް ކަމަށެވެ. އިދިކޮޅު ޕީޖީން ވަނީ މަޖިލީހުގެ ގަވާއިދަށް ވެސް އާންމުންނަށް ޚިޔާލު ހުށައަޅަން ހަތް ދުވަހުގެ މުއްދަތެއް ދީފައިވާކަން ފާހަގަ ކޮށްފަ އެވެ.
އެ ސިޓީގައި އިތުރަށް ބުނެފައިވަނީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އަވަހަށް ފާސް ކުރަން ޖެހެނީ، ގައުމަށް ނުރައްކާ ވާފަދަ ހާލަތެއް މެދުވެރިވެގެން ކަމަށް ވާނަމަ އެކަން ވީހާވެސް އަވަހަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީތަކުގެ ސަމާލު ކަމަށް ގެންދަން އެދޭ ކަމަށެވެ. އަދި އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަން ގޮވާލާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރަން ކަމާ ގުޅޭ މުއައްސަސާތަކުގެ އިސް ބޭފުޅުން މިރޭ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރު ކުރާނެ އެވެ.
ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅިއިރު، ރާއްޖޭގައި ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކުގެ ހަރަކާތްތައް ހުއްޓުވުމަށް ޓެރަރިޒަމްގެ ގާނޫނަށާއި ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.
އާ ބިލުގައިވާ ގޮތުން، ކޯޓު އަމުރެއް ނެތި ޓެރަރިޒަމްގެ ކުށުގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. އަދި އެފަދަ ކުށްތަކުގެ ތުހުމަތުގައި، ކޯޓު އަމުރެއް ނެތި މީހުންނާއި ތަންތަން ބަލައި ފާސް ކުރުމުގެ ބާރު ވެސް ލިބެ އެވެ.
ބިލުގައި ބައެއް އަސާސީ ހައްގުތައް ހިފަހައްޓާފައިވާތީ އާއި ފުލުހުންނަށް އިތުރު ބާރުތަކެއް ލިބޭ ގޮތަށް އޮތީތީވެ ބައެއް ގާނޫނީ ވަކީލުންނާއި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުންގެ އިތުރުން މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.