އޮޑިޓާ ޖެނެރަލް އޮފީސް

އަލުން ކައުންސިލްތައް އޮޑިޓް ކުރަން ފަށަނީ

ލޯކަލް ކައުންސިލްތައް އޮޑިޓް ކުރުން މެދުކެނޑިފައި އޮތުމަށްފަހު އަލުން އެ މަސައްކަތް މިއަހަރު ފަށަން ތައްޔާރުވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ ދެތިން އަހަރު ކައުންސިލްތައް އޮޑިޓް ކޮށްފައި ވަނީ އަމިއްލަ އޮޑިޓް ފާމުތަކާ ހަވާލު ކޮށްގެން ކަމަށާއި އެ މަސައްކަތް އެކަށީގެންވާ ވަރަށް ކުރިއަށް ގޮސްފައި ނެތް ނަމަވެސް މިއަހަރު އެ މަސައްކަތް އަލުން ފަށާނެ ކަމަށެވެ.

ހުރިހާ ކައުންސިލެއް އޮޑިޓް ކުރެވޭ ވަރަށް އޮޑިޓް އޮފީހުގައި މިވަގުތު ވަސީލަތްތައް ނެތުމުން އެ މަސައްކަތް ކުރަނީ އާންމުކޮށް އިއުލާން ކޮށްގެން ކުރިމަތިލާ އޮޑިޓް ފާމަކާ ހަވާލު ކޮށްގެނެވެ. މިދިޔަ އަހަރު ވެސް ކައުންސިލްތައް އޮޑިޓް ކުރަން ބަޔަކާ ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ގިނަ ރަށްތަކެއް ލޮކްޑައުން ކުރުމުން އެ އެއްބަސްވުން ބާތިލު ކުރީ އެވެ.

ކައުންސިލްތައް އޮޑިޓް ކުރަން މިއަހަރުގެ މޭ މަހުގެ ކުރީކޮޅު ވެސް އޮޑިޓް ފާމެއް ހޯދަން މަސައްކަތް ކުރި އެވެ. ފަހުން މަސައްކަތް މަޑުޖައްސާލީ ވެސް ކޮވިޑްގެ ހާލަތު ގޯސް ވެގެނެވެ.

އޮޑިޓް އޮފީހުން ކަނޑައަޅާ އޮޑިޓް ފާމެއް މެދުވެރިކޮށް އޮޑިޓް ކުރަނީ 129 ލޯކަލް ކައުންސިލެކެވެ. ބާކީ ހުރި ކައުންސިލްތައް އޮޑިޓް ކުރަނީ އޮޑިޓް އޮފީހުންނެވެ. އެ އޮފީހުން އޮޑިޓް ކުރާ ކައުންސިލްތަކުގެ ތެރޭގައި ހިމެނެނީ ދެކުނުގައި ގާއިމު ކޮށްފައިވާ އޮޑިޓް އޮފީހުން އޮޑިޓް ކުރާ އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ކައުންސިލްތަކާއި މާލެ ސިޓީ ކައުންސިލާއި މާލެ އާއި ކައިރީގައިވާ ރަށްތަކުގެ ކައުންސިލް ތަކެވެ.

ލޯކަލް ކައުންސިލެއްގެ އޮޑިޓް ރިޕޯޓް، އޮޑިޓް އޮފީހުން އެންމެ ފަހުން އާންމުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ. އެގޮތުން އޮޑިޓް އޮފީހުގެ ވެބްސައިޓްގައި އާންމު ކޮށްފައި ވަނީ ގދ. ތިނަދޫ ކައުންސިލްގެ 2019 އަހަރުގެ އޮޑިޓް ރިޕޯޓެވެ.