އުއްތަމަ ފަޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާނެ ގެކޮޅުތައް ހަމަޖައްސައިފި އެވެ.
އެ ދެ ބާރުގެ ވެރިން ދިރިއުޅުއްވާނެ ތަނަކާއި އެ ބޭފުޅުންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ރައީސްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް މިއަދު ވިދާޅުވީ ދެ ބާރުގެ ވެރިން ދިރިއުޅުއްވާނެ ވަގުތީ ގެކޮޅުތައް ކަނޑައަޅައި އެ ތަންތަން މަރާމާތުކުރުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ތަންތަނެއް ކަމާއި އެ ތަންތަނުގައި އެ ބޭފުޅުން ދިރިއުޅުއްވަން ފައްޓަވާނެ ދުވަހެއް އޭނާ ވިދާޅެއް ނުވެއެވެ. ގެކޮޅުތައް ހަމަޖެއްސީ ކޮން ސަަރަހައްދަކުން ކަމެއް ވެސް ވިދާޅެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެ ބޭފުޅުންގެ އަމިއްލަފުޅު ގޭގަ އެވެ.
މި ދެ ބިލްގެ ބަހުސްގައި މަޖިލީހުގެ ބައެއް މެންބަރުން ވަނީ ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގެ އަލުން ރިޔާސީ ގަނޑުވަރަކަށް ބަދަލު ކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެ ގަނޑުވަރަށް ބަދަލު ކުރަން ވެސް ހުށަހަޅުއްވާފަ އެވެ.
އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ވަކި ތަނެއް ހަމަޖައްސަން ސަރުކާރުން ނިންމީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންގެވުމާ ގުޅިގެންނެވެ