ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް އަލުން ޓޫރިސްޓް ވިސާ ދިނުމަށް ނިންމާފައިވީ ނަމަވެސް ޓޫރިސްޓުންނަށް ދެވޭނީ ހަމައެކަނި ރިސޯޓުތަކަށް ކަމަށް ސަރުކާރުން ބުނެފި އެވެ.
އިންޑިއާގައި ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރަމުން ދިޔަ ވަގުތެއްގައި ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއިން ވިސާ ދޫކުރުން މެދުކަނޑާލީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ.
އެކަމަކު ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ލުއިދީ މި މަހުގެ 15 ވަނަ ދުވަހުން އަލުން ވިސާ ދޫކުރާނެ ކަން ސަރުކާރުން އިއުލާންކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ އަށް ޒިޔާރަތް ކުރުމަށް ވިސާ ދިން ނަމަވެސް މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިންނަށް ދެވޭނީ ރިސޯޓްތަކަށް އެކަނި ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ފަހުން އާބާދީގެ 60 ޕަސަންޓް ވެކްސިން ފުރިހަމަކޮށްފައިވާ ރަށްތަކުގައި ހިންގާ ގެސްޓްހައުސްތަކަށް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ދެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ދެކުނު އޭޝިއާ އިން ރާއްޖެއަށް މަސައްކަތް ކުރަން އަންނަ މަސައްކަތްތެރިންނަށް ވާކްޕަމިޓް ދޫކުރުމަށް ވެސް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ. އެކަމަކު އެމީހުން ރާއްޖެ އައިސް ކަނޑައަޅާ ވަކި މުއްދަތަކު ކަރަންޓީނު ވާން ޖެހޭ ގޮތަށް ވަނީ އުސޫލުތައް ހަމަޖައްސާފަ އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް ވިސާ ދޫކުރަން ފެށުމުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ. އަދި އޭރުން ދައުލަތުގެ އާމްދަނީ އަށް ވެސް އިތުރު އާމްދަނީ ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.