ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރުދިނުމުން ހައިކޯޓަށް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި ދޭން އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ހައިކޯޓްގައި އިސްތިއުފާކޮށްފައިވާ ކަަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެ އެވެ.

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން މެދުވެރިކޮށް ދައުލަތުން އެދުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން އާދިއްތަ ދުވަހު ޕާސްޕޯޓުގެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމަމުން އަލީގެ ޕާސްޕޯޓު ހިފަހައްޓާނެ މަގުސަދެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ ގާޒީ ހަސަން ސައީދު އެވެ.

"މި މައްސަލަ އަޅުގަނޑުމެން ހައިކޯޓުގައި އެޕީލް ކުރާނަން. އަޅުގަނޑު މި ދަންނަވަނީ މީނައަކީ ފިލައިގެން އުޅޭ މީހެކޭ. ހައިކޯޓަށް ވެސް ނުފެނިފައި ހުރި މީހެކޭ. ކްރިމިނަލް ކޯޓަށް ނުފެނިފައި ހުރި މީހެކޭ އަދި ސުޕްރީމް ކޯޓަށް ވެސް ނުފެނި އުޅުނު މީހެއް ކަމަށް ލިޔެކިޔުންތަކުން ފެންނަން އެބަ އޮތޭ،" ޝަމީމް ކުރީން ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އެހެންކަމުން އަލީގެ ޕާސްޕޯޓު ހިފަހައްޓާނެ ސަބަބުތައް އޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ކޯޓްގެ ނިންމުން މިހާރު ހައިކޯޓްގައި އިސްތިއުނާފު ކޮށްފައިވާ ކަަމަށް ވިދާޅުވިއެވެ.

އަލީގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލު ކުރުމާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންފައި ވަނީ ފެބްރުއަރީ ނުވަވަނަ ދުވަހު އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ކޯޓުން ވަނީ އޭނާ އުޅޭ އެޑްރެސް ހޯދުމަށް ދައުލަތަށް މުއްދަތެއް ދީފަ އެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ދައުލަތަށް އޭނާ އުޅޭ އެޑްރެސް ހޯދިފައި ނުވުމުން ހައިކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައިފަ އެވެ.

އިމިގްރޭޝަނުން އޭރު ބުނެފައި ވަނީ އަލީ ފުރައިގެން ދިޔައީ ތުރުކީވިލާތަށް ކަމަށެވެ.