ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ހޯދުމަށް ހައިކޯޓުން ދައުލަތަށް މުއްދަތެއް ދިނުމުން އެކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ފާޑުވިދާޅުވެއްޖެ އެވެ. ޝަހީދު ވަނީ ރޯދަ މަހުގެ ޑްރާމާ ފެށުނީތޯ ސުވާލު ކުރައްވާފަ އެވެ.
އދގެ ރެޕަޓުއާގެ މަގާމުގައިވެސް ހުންނެވި ޑރ. ޝަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ސިޔާސީ ގުޅުން ނޯންނަ ގައުމެއް މަދު ކަމަށާއި ސަފީރުންނާއި ކޮންސުލް ނެތް ގައުމެއް މަދު ކަމަށެވެ.
"ޖާސޫސޫން ނެތް ހިސާބެއް ނެތް. ދެން މިއީ ކޮން ވާހަކައެއް،" އަލީ ވަހީދު މިހާރު އުޅޭ އެޑްރެހެއް ހޯދާ މާދަމާ ކޯޓަށް އެންގުމަށް ދައުލަތަށް އަމުރުކުރި ކުރުމަށް އިޝާރާތް ކުރައްވާ ޝަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ހޯދުމަށް ހައިކޯޓުން ދައުލަތަށް މުއްދަތެއް ދިނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރުމާ ގުޅިގެން ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގަ އެވެ.
ޝަރީއަތުގެ މަޖިލިސް މިއަދު ފައްޓަވަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް ފުރަތަމަ ވެސް ދައުލަތާ ކުރެއްވީ ސުވާލެކެވެ. އެގޮތުން ފަނޑިޔާރު ވިދާޅުވީ ދައުލަތުން މިމައްސަލައިގައި އިސްތިއުނާފަށް ހުށަހެޅި ފޯމުގައި އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސްގެ ގޮތުގައި ޖަހާފައިވާ އެޑްރެސް ސާފު ނުވާ ކަމަށެވެ. އެހެންކަމުން އެއީ އަލީ އުޅޭ އެޑްރެސްތޯ ދައުލަތުގެ ކިބައިން އޮޅުންފިލުއްވި އެވެ. ފަނޑިޔާރު މިސުވާލު ކުރެއްވީ އަލީ ވަހީދުގެ އެޑްރެސްގެ ގޮތުގައި މާލޭގެ އެޑްރެހެއް ޖަހާފައި އޮތުމުންނެވެ.
ފަނޑިޔާރު ފައިސަލް ވިދާޅުވީ ދައުލަތުގެ އިސްތިއުނާފް ފޯމުގައި ޖަހާގައިވާ އަލީ ވަހީދުގެ އެޑްރެހަށް ކޯޓުން ފޮނުވާ ޗިޓް ނުފޮނުވޭ ކަމަށެވެ. މީގެއިތުރުން ދައުލަތުން ހިއްސާކޮށްފައިވާ އަލީ ވަހީދުގެ އީމެއިލްއާއި، ވައިބާ އަދި ވަޓްސްއަޕް ނަންބަރަށް ވެސް ޗިޓް ނުފޮނުވޭ ކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން އަލީ އަށް ޗިޓް ލިބުނު ކަމާމެދު ފަނޑިޔާރު ވަނީ ސުވާލު އުފައްދަވާފަ އެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ އިސްތިއުނާފް ފޯމުގައި ޖަހާފައިވަނީ އަލީ ރާއްޖޭގައި ދިރިއުޅުއްވާ އެޑްރެސް ކަމަށާއި މިހާރު ހުންނެވި އެޑްރެސް ދައުލަތަށް ވެސް ސާފު ނުވާ ކަމަށެވެ. ދައުލަތުން ދިން ޖަވާބާ ގުޅިގެން ފަނޑިޔާރު ފައިސަލް ވަނީ އަލީ މިހާރު ދިރިއުޅުއްވާ އެޑްރެސް ސާފުކުރުމަށްފަހު މާދަމާ މެންދުރުފަހު 2:00ގެ ކުރިން ކޯޓަށް ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ. މި މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަވާނީ އޭގެފަހުގައި ކަމަށްވެސް ފަނޑިޔާރު ވިދާޅުވި އެވެ.