ދައުލަތުގެ އާމްދަނީއާ ގުޅުންހުރި ބިލްތަކެއް ފާސްކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހޭ ގޮތް ނުވީ އެމްޑީޕީގެ ބައެއް މެންބަރުން ގަސްދުގައި ވޯޓުގައި ބައިވެރި ނުވުމުން ކަމަށް ވޯޓުގައި ބައިވެރިވުމަށް މަޖިލިސް ޗެމްބަރަށް ވަދެވަޑައިގެންނެވި އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.
މިއަދު ފަސް ކަމަކަށް ވޯޓަށް އަހަން އެޖެންޑާގައި ހިމަނާފައި އޮތެވެ. އޭގެތެރެއިން ދެ ކަމެއް ވަނީ ޖަލްސާ އަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ. އެކަމަކު އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ތަފާސްހިސާބުގެ ބިލް ފާސްކުރަން ވޯޓަށް އެހޭގޮތެއް ނުވި އެވެ. އެކަން ނުވީ އެ ބިލްތައް ފާސްކުރަން މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވާން ޖެހޭ އަދަދަށް މެންބަރުން ހާޒިރުވެފައި ނުވާތީ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އަވަސްއާ ވާހަކަދެއްކެވި އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ ދައުލަތުގެ އާމްދަނީއާ ގުޅުންހުރި މުހިއްމު ތިން ބިލަކަށް މިއަދު ވޯޓަށް ނޭހުނީ އެމްޑީޕީގެ މެންބަރުން މަޖިލިސް އިދާރާގައި ތިބެމެ، ޗެމްބަރަށް ވަދެވަޑައިނުގަތުމުން ކަމަށެވެ.
"ހަގީގަތުގައި މިއީ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ގަސްދުގައި ހަމަ ރާވައިގެން ކުރި ކަމެއް. ދައުލަތަށް ލިބެން އޮތް އާމްދަނީ އެއް ހުއްޓުވީމާ ހަމައެކަނި ސަރުކާރަކަށް ނޫން މި ގެއްލުން ވަނީ. ހުދު އެބޭފުޅުން ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުންނަށް ވެސް ގެއްލުންވާނެ،" ނުރުހިފައި ހުރި އެމްޑީޕީގެ މެންބަރަކު ވިދާޅުވި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މިއަދު މަޖިލީހުގައި ވޯޓަށް އެހީ އެހެން ދުވަސް ދުވަހު ވޯޓަށް އަހާ ގަޑިއަށް ވުރެ އަވަސް ގަޑިއެއްގައި ކަމަށްވާތީ މެންބަރުންނަށް އޮޅުމެއް އަރާފާނެ ކަމަށް ބަލައި، ވޯޓު ގަޑި ދުރާލައި ހަނދާން ވެސް ކޮށްދީފައިވާނެ ކަަމަށެވެ.
"އަޅުގަނޑު ވޯޓު ގަޑިއަށް އައި ބަދަލު ވަޓްސް އަޕް ގުރޫޕްގައި ވެސް ޖެހިން. ދެން މިއީ މިފަހުން އަޅުގަނޑުމެންގެ ބައެއް މެންބަރުންގެ ފަރާތުން ފެންނަ ކަމެއް. އެ ބޭފުޅަކު ވޯޓު ދޭން ބޭނުން ނުވާ ނަމަ ބޭރުގައި މަޑުކޮށްލުން،" އާޒިމް ވިދާޅުވި އެވެ.
އެމްޑީޕީގެ މެންބަރުންގެ މެދުގައި އުޅޭ ހިޔާލުތަފާތުވުންތަކަކާ ގުޅިގެން ވޯޓު ގަޑީގައި ބައެއް މެންބަރުން ގަސްދުގައި ޗެމްބަަރަށް ވަދެވަޑައިނުގަތީތޯ ސުވާލު ކުރެއްވުމުން އާޒިމް އެ ސުވާލަށް ސާފު ޖަވާބެއް ނުދެއްވަ އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުންް އެ މައްޗަށް އަމަލުކުރުން ލާޒިކުރާ އެއްވެސް ކަމެއް މަޖިލީހުން ފާސްކުރާއިރު ވޯޓަށް އަހަންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައަށް ވުރެ ގިނަ މެމްބަރުން ހާޒިރުވެ ތިއްބަވާ ޖަލްސާއެއްގަ އެވެ.
ވޯޓު ގަޑީގައި މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ ޓެކްސް ބިލްތައް ފާސްކުރުމަށް މަދުވެގެން 44 މެންބަރުން ޗެމްބަރުގައި ތިއްބަވަން ޖެހޭ ކަމަށެވެ. ނަމަވެސް މިއަދުގެ ވޯޓު ގަޑީގައި ހާޒިރުވެ ތިއްބެވީ 39 މެމްބަރުންނެވެ.
ޓެކްސް ބިލްތަކުގެ ވޯޓުގައި ބައިވެރި ނުވާ އެމްޑީޕީގެ މެންބަރުން
- ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް
- ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު
- މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ
- މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
- މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން
- ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު
- އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު
- އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
- ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު
- ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް
- ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް
- ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
- ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
އަވަސް އަށް މައުލޫމާތު ދެއްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ ޓެކްސް ބިލްތަކުގެ ވޯޓުގައި ބައިވެރި ނުވީ ގަސްދުގައި ނޫން ކަމަށެވެ.
ސިރާޖު ވިދާޅުވި ގޮތުގައި އޭނާ އެގަޑީގައި އުޅުއްވީ އަމިއްލަ ކަމެއްގަ އެވެ. މީކާއިލް ވިދާޅުވީ އޭނާ އަށް ޗެމްބަރަށް ވަދެވަޑައިގެންނެވުނުއިރު ޓެކްސް ބިލްތަކަށް ވޯޓަށް ނާހައި ދޫކޮށްލާފައިވާ ކަމަށެވެ.
ޓެކްސް ބިލްތަކުގެ ވޯޓުގައި ބައިވެރި ނުވާ މެންބަރުންގެ ތެރޭގައި ރައީސް ނަޝީދާ ވަރަށް ގާތުން މަސައްކަތް ކުރައްވާ އަދި އެމަނިކުފާނަށް އަބަދުވެސް ވަރަށް ބޮޑަށް ތާއީދުކުރައްވާ ވާހަކަދައްކަވާ މެންބަރުންތަކެއް ހިމެނޭ ކަން ފާހަގަކުރެވެ އެވެ.
ޓެކްސް ބިލްތަކުގެ ވޯޓަށް އެމްޑީޕީގެ ބައެއް މެންބަރުން ހާޒިރު ނުވިއިރު ތަފާތު މައްސަލަތަކުގައި ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދެމެދު ހިޔާލުތަފާތުވުން ހުރި ކަން ދެ ބޭފުޅުންގެ ވާހަކަތަކުން ވެސް އެނގެ އެވެ. އަދި އެ ދެ ބޭފުޅުންގެ ދެމެދުގައި ހުރި ހިޔާލުތަފާތުވުންތަކާ ގުޅިގެން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ މެންބަރުން ވެސް މިހާރު ބެހިފައިވަނީ އެ ދެ ބޭފުޅުންނަށް ތާއީދު ކުރައްވާ ދެ ފެކްޝަނެއް ގޮތަށެވެ.