ދުނިޔެ

ރައީސް އަވަހާރަކޮށްލުމުން ހެއިޓީގައި މާޝަލް ލޯ އިއުލާންކޮށްފި

ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަޗކޮށްލުމާ ގުޅިގެން އެ ގައުމުގައި މާޝަލް ލޯ އިއުލާން ކޮށްފި އެވެ. ވަގުތީ ބޮޑުވަޒީރު ކްލޯޑް ޖޯސެފް ވިދާޅުވީ މިނިސްޓަރުންގެ ކައުންސިލް ކުއްލި ބައްދަވުމެއްގައި މާޝަލް ލޯ ހިންގަން އެއްބަސްވެ ވަޑައިގަތީ ކަމަށެވެ.

މާޝަލް ލޯ ހިންގުމުން ދައުލަތުގެ އިދާރާތަކާ ވަގުތީ ގޮތުން ސިފައިން ހަވާލު ވާނެ އެވެ. ގައުމު ހިންގުމާ ގުޅުން ހުރި މުހިންމު ބާރުތައް ހިންގައި ބަލަހައްޓާނީ ސިފައިން އަދި ބޯހަރު މީހުންނަށް މުއާމަލާތު ކުރާނީ އަސްކަރިއްޔާއިންނެވެ.

ރައީސް ޖޮވެނެލް މޮއިސް އަވަހާރަ ކޮށްލާފައި ވަނީ އަމިއްލަ ގެކޮޅުގައި އުޅުއްވަނިކޮށް އަނބިކަނބަލުންގެ ހާޒިރުގަ އެވެ. ހަތިޔާރު އެޅި ގުރޫޕަކުން ވަދެ ދިން ހަމަލާތަކުން އެކަމަނާ ސަލާމަތްވެ ވަޑައިގެންނެވި ނަމަވެސް ވަރަށް ބޮޑަށް އަނިޔާވި ކަމަށް ޚަބަރުތައް ބުނެ އެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުން ފުން ޒަހަމްތަކުގެ ސަބަބުން އެކަމަނާގެ ފުރާނަ ސަލާމަތްކުރެވޭ ގޮތެއް ނުވި އެވެ.

ވަގުތީ ބޮޑުވަޒީރު ކްލޯޑް ޖޯސެފް ދައުލަތުގެ ޓީވީއަށް ވިދާޅުވީ ހަމަލާދިން ބަޔަކު އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ޚަބަރުތައް ބުނާ ގޮތުން ރައިސްއަށް ހަމަލާދިނީ ބުދަވިލޭރޭ ދަންވަރު ގޮތް ނޭގޭ ގުރޫޕަކުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ސްޕޭން ބަހުން ވާހަކަދެއްކި ކަމަށް ވެސް ވެއެވެ. އެމީހުން ނިސްބަތްވަނީ އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަނަށް ކަމަށް އޭގެ ތެރެއިން ބައެއް މީހުން ބުނި ކަމަށް މިއާމީ ހެރަލްޑްއިން ރިޕޯޓްކުރި އެވެ. އެނޫހުން މައުލޫމާތު ހޯދީ މަގުމަތިން ނަގާފައި ހުރި ވީޑިއޯ ކްލިތައް ބަލައިގެން ކަމަށް ވެއެވެ.

ރައީސްގެ އަވަށްޓެރިންނާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން ހަތިޔާރުއެޅި މީހުން ތިބީ ކަޅުހެދުމުގަ އެވެ. ރައީސްގެ ގެކޮޅަށް ވަދެ ބަޑިތަޅައިގަތުމުގެ ކުރިން ގްރޭނޭޑް ބޭނުންކުރި ކަމަށް ވެސް ވެއެވެ. އަދި އެއޮޕަރޭޝަންގައި ޑްރޯން ބޭނުންކުރި ކަމަށް ވެސް އަވަށްޓެރިން ބުނެ އެވެ.