ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުން މުލުން ލުހިފައި ވެއެވެ. މި ޕެންޑެމިކްގެ އެންމެ ހާލުގައި ޖެހުނީ ކުރިން ވެސް ފަގީރުކަމުގައި އުޅެމުންދިޔަ އާއިލާތަކެވެ. މި ފަދަ އާއިލާތަކުގެ ގިނަ ކުދިންނަށް ކިޔަވަން ދެވޭނެ ގޮތެއް ވެސް ނެތި ތައުލީމުން ވަނީ މަހްރޫމް ވެފަ އެވެ.
ވައިބަވީ ކަރްތަމޯލް އަކީ ވެސް މިފަދަ ކުއްޖެކެވެ. މިދިޔަ އަހަރު ކޮރޯނާވައިރަހުގެ ވަބާ އިންޑިޔާގައި ފެތުރެން ފެށުމުގެ ކުރިން 11 އަހަރުގެ ވައިބަވީގެ ގެއަކީ ވެސް އުފާވެރި ގެއެކެވެ. އޭނާގެ ބައްޕައަކީ މަސް ވިއްކާ މީހެއް ކަމުން އެ މަސައްކަތުން މާ ރަނގަޅު އާމްދަނީ އެއް ނުލިބުނަސް ބަނޑުފުރާނަ މުއްތިކޮށްގެން ދެން ޖެހޭ ޒަރޫރީ ބޭނުންތައް ފުއްދާލައިގެން އެ އާއިލާ އަށް އުޅެވެ އެވެ.
ނަމަވެސް މިދިޔަ އަހަރު އެޕްރީލްމަހު ވައިބަވީގެ ބައްޕައަށް ކޮވިޑް ޖެހި މަރުވީ އެވެ. އެއާއެކު ވައިބަވީގެ މަންމައަށް ހަދާނެ ގޮތް ހުސްވި އެވެ. ކުރިން އޭނާއަކީ ގޭތެރޭގައި ކުރަންހުންނަ މަސައްކަތް ކޮށްލައިގެން ދަރިން ބަލަން ގޭގައި އިންނަ މީހެއް ނަމަވެސް އާމްދަނީ ހޯދަން މަސައްކަތް ކުރަން ނުކުންނަން ވައިބަވީގެ މަންމައަށް މަޖްބޫރު ވިއެވެ.
ވައިބަވީގެ މަންމަ ފެށީ އޭނާގެ ފިރިމީހާ ކުރި މަސައްކަތް ކަމަށްވާ މަސް ވިއްކުމުގެ މަސައްކަތެވެ. ފިރިމީހާ މަސް ވިއްކަން އިންނަ ތަނުގައި ތިބޭ އެހެން މީހުންގެ އެހީތެރިކަމާ އެކުގަ އެވެ. ނަމަވެސް މަންމައަކީ ދުވަހަކުވެސް މިގޮތަށް އެއްޗެތި ވިއްކަން އުޅުނުމީހަކަށް ނުވާތީ މަންމައަށް މިކަންކުރަން އެހާ ފަސޭހަ ނޫންކަން ކުޑަ ކުޑަ ވައިބަވީ އަށް ވިސްނުނެވެ. އަދި މަންމަ މަސްވިއްކަން ދާއިރު މަންމަ އާއެކު ދާން ފެށި އެވެ.
ހަ ވަނަ ގްރޭޑުގައި ކިޔަވާ ވައިބަވީ ބުނީ މަސް ގަންނަން އަންނަ މީހުންނާ ވާހަކަ ދައްކަނީ މިހާރު އޭނާ ކަމަށެވެ. އަދި މަސް ސާފުކުރުމުގެ މަސައްކަތް ވެސް އޭނާ ކުރާ ކަމަށެވެ.
މިހާރު އަނެއްކާވެސް އިންޑިޔާގައި އޮންލައިން ކްލާސްތައް ފެށިފައިވާތީ މަސް ވިއްކަން ވައިބަވީ އިންނަނީ ހެނދުނު 10.00 ވަންދެނެވެ. ދެން ދުވެފައި ގެޔަށް ގޮސް އޮންލައިން ކުލާހަށް ވަންނަނީ އެވެ. ވައިބަވީ އާއި އޭނާގެ އަންހެން ކޮއްކޮ ކިޔަވަން އޮންނަނީ އެންމެ ފޯނެކެވެ. އެހެންވެ ތިމާގެ މީހަކު ކޮންމެ ދުވަހަކުވެސް ވައިބަވީ ކިޔަވާ ގަޑިއަށް އޭނާގެ ފޯނު ވައިބަވީ އޮންލައިން ވާން ދެ އެވެ.
ވައިބަވީ ބުނި ގޮތުގައި މި ދުވަސްވަރު މަސް ބާނާލެއް މަދުކަމުން ވިއްކަން ލިބެނީ ވެސް މަދު މަސްކޮޅެކެވެ. ނަމަވެސް އެ މަސްކޮޅު ވިއްކައިގެން ލިބޭ މަދުލާރިކޮޅުން ދިރިއުޅޭވޭތީ އެ އާއިލާއިން މަސައްކަތް ކުރަނީ އެވެ.
މިއީ ހަމައެކަނި ވައިބަވީގެ ވާހަކަ އެވެ. މިފަދަ އެތައް ހާސް ވައިބަވީއެއް މިހާރު އިންޑިޔާގެ އެކި ހިސާބުތަކުގައި ދިރިއުޅެ އެވެ. މީގެ ތެރޭގައި ކޮރޯނާވައިރަހުގެ ވަބާގައި މައިންބަފައިން މަރުވެފައިވާ ޔަތީމުވެފައިވާ ކުދިންވެސް މަދެއް ނޫނެވެ.