ޗެކް ރިޕަބްލިކްގެ ވަރަށް މަޝްހޫރު ލަވަކިޔުންތެރިޔެއް ކަމަށްވާ ހަންކާ ހޯކާ ކޮވިޑް-19 ޖެހިގެން މަރުވެއްޖެ އެވެ. އޭނާގެ ފިރިހެން ދަރިފުޅު ބުނި ގޮތުގައި ހަންކާ އެއްގޮތަކަށް ވެސް ވެކްސިނެއް ނުޖަހަ އެވެ.
ބީބިސީގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ޗުއްޓީއަކަށް ގޮސް އުޅެނިކޮށް ފުރަތަމަ ކޮވިޑް ޖެހުނީ ހަންކާގެ ފިރިހެން ދަރިފުޅަށާއި ފިރިމީހާ އަށެވެ. އެ ދެމީހުން ތިބީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްގެންނެވެ. ނަމަވެސް ހަންކާ ވެކްސިންގެ އެންމެ ޑޯޒެއް ވެސް ޖަހާފައެއް ނުވެ އެވެ. އޭނާގެ ގަޔަށް ބަލި އެރީ ދަރިފުޅާއި ފިރިމީހާގެ ފަރާތުންނެވެ. އަދި އެމީހުންނަށް ބަލި ޖެހުނުކަން އެނގުމުން ވެސް އެމީހުންނާ ދުރަށް ނުގޮސް ހަންކާ މަޑުކުރީ އަމިއްލައަށް ބަލި ޖެހެން ބޭނުން ވެގެނެވެ.
ޖެނުއަރީ 14 ގައި ހަންކާ ސޯޝަލް މީޑިއާގައި ޝެއާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާއަށް ކޮވިޑް ޖެހި ރަނގަޅުވެއްޖެ ކަމަށެވެ. ނަމަވެސް އޭނާގެ ދަރިފުޅު ބީބީސީއަށް ބުނި ގޮތުގައި އެ ޕޯސްޓް ޝެއާ ކުރިތާ ދެ ދުވަސް ފަހުން ހަންކާ ވަނީ މަރުވެފަ އެވެ.
ހަންކާގެ ދަރިފުޅު ބުނި ގޮތުގައި އޭނާ އަށާއި އޭނާގެ ބައްޕައަށް ކޮވިޑް ޖެހުމުން މަންމަ އެމީހުންނާ ދުރުގައި ވަކިން ހުންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް މަންމަ އެގޮތަށް ކަންތައް ނުކުރީ ގަސްތުގައި ބަލި ޖެހެން ބޭނުން ވެގެންނެވެ.
"އަހަރެމެން ބަލިވެ އުޅުނު ހުރިހާ ދުވަހަކު މަންމަ ހުރީ އަހަރެމެންގެ ކައިރީގައި. އެއީ ގަސްތުގައި ވައިރަސް އަރުވަން ކުރިކަމެއް،" ހަންކާގެ ދަރިފުޅު ބުންޏެވެ.
ހަންކާ ހީކުރީ އޭނާގެ ކޮވިޑް އަލާމާތްތައް މަދުވާން ފެށީމަ ބަލިން ރަނގަޅުވީ ކަމަށެވެ. އެހެންވެ އެންމެ ފަހުން އޭނާ ޝެއާ ކުރި ޕޯސްޓުގައި ދެން ކޮންސެޓްތަކަށާއި ތިއޭޓާތަކަށް އަދި އެނޫންވެސް މީހުން އެއްވާ ތަންތަނަށް ފަސޭހައިން ވަދެވޭނެ ކަމަށް ބުނެފައި ވެއެވެ.
ހަންކާގެ ދަރިފުޅު ބުނި ގޮތުގައި މަންމަ ބަލިން ރަނގަޅުވިހެން ހީވެގެން އެއް ދުވަހަކު ވަރަށް ރީއްޗަށް ނަލަހެދިލައިގެން ހިނގާލަން ނުކުމެ އުޅެނިކޮށް ކުއްލިއަކަށް ބުރަކައްޓަށް ތަދުވާން ފެށީ އެވެ. އަދި 10 ވަރަކަށް މިނިޓް ތެރޭގައި ބުރަކަށީގެ ތަދު ބޮޑުވެ ނޭވާލާން އުނދަގޫވާން ފަށައި އެ ދިޔަ ގޮތަށް ދިޔައީ އެވެ.
ހަންކާގެ ދަރިފުޅު ބުނި ގޮތުގައި ވެކްސިން ޖެހުމާ ދެކޮޅަށް މީހުން ހިންގާ ކެމްޕެއިންތަކާއި ދައްކާ ވާޙަކަތައް އޭނާގެ މަންމައަށް ގަބޫލު ކުރެވި ވެކްސިން ޖަހަން ދެކޮޅު ހެދީ އެވެ. އަދި އޭނާގެ މަންމަ މަރުވީ ވެކްސިން އާ ދެކޮޅަށް އެންޓި-ކެމްޕެއިންކުރާ މީހުންގެ ސަބަބުން ކަމަށް އޭނާގެ ދަރިފުޅު ތުހުމަތު ކުރެ އެވެ.
"ކޮވިޑް-19 ވެކްސިން އާ ގުޅޭ ގޮތުން މަންމަ ގެންގުޅެނީ އެހެން ތިއަރީއެއް. މަންމަގެ ފިލޯސަފީއަކީ ކޮވިޑް ބަލި ޖެހުން މާ ރަނގަޅޭ ވެކްސިން ޖެހުމަށް ވުރެ. އެ ވިސްނުމުގައި ހުރުމުން މަންމަ ވެކްސިން ޖަހަން ދެކޮޅުވީ،" ހަންކާގެ ދަރިފުޅު ބުންޏެވެ.
މިއީ ހަންކާ ނޫނަސް ޔޫރަޕްގެ ގައުމުތަކުގެ ވަރަށް ގިނަ ބައެއްގެ ވިސްނުމެވެ. އަދި ވެކްސިނާ ދެކޮޅަށް މިފަދަ މީހުން ވަރުގަދަ ކެމްޕޭންތަކެއް ކުރަމުން ދެއެވެ.