ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ބައްޕަ ކޮނޑުމައްޗަށް ލައިގެން ހަ ގަޑިއިރު ހިނގައިފި

ބްރެޒީލްގެ އެމޭޒަން ޖަންގަލީގައި ދިރިއުޅޭ ގަބީލާއެއްގެ ޒުވާން ފިރިހެނަކު އޭނާގެ ބައްޕަ ކޮނޑުމައްޗަށް ލައިގެން ހަ ގަޑިއެއްހާއިރު ވަންދެން ހިނގައިފި އެވެ. އޭނާ ބައްޕަ ގޮވައިގެން މިހާ ދިގު ދަތުރެއް ކުރީ ކޮވިޑް-19 ވެކްސިން ދޭން ވެގެންނެވެ. އެމީހުން ދިރިއުޅޭ ހިސާބާއި އެންމެ ކައިރީގައި ހުރި ވެކްސިން ސެންޓަރު ވެސް ހުރީ ގާތްގަނޑަކަށް ހަ ގަޑިއިރުން ދެވޭ ހިސާބުގައި ކަމަށް ވެފައި ޖަންގަލި ވަލު ތެރެއިން ދުއްވާ އެއްޗިއްސަށް ވެސް ދަތުރު ނުކުރެވޭތީ ބައްޕަ ކޮނޑަށް ލައިގެން ގެންދަން މި ޒުވާނާ އަށް މަޖްބޫރު ވީ އެވެ.

ބީބީސީގައިވާ ރިޕޯޓެއްގައި މި ޒުވާނާ އޭނާގެ ބައްޕަ ކޮނޑަށް ލައިގެން ހިނގާފައި ދަނިކޮށް ނަގާފައިވާ ފޮޓޯއެއް ވެސް ހިމަނާފައި ވެއެވެ. މި ފޮޓޯ ނަގާފައިވަނީ އެރިކް ޖެނިންގްސް ސިމޯސް ކިޔާ ޑޮކްޓަރެކެވެ. މި ފޮޓޯގައި ފެންނަނީ 24 އަހަރުގެ ޓާވީ އޭނާގެ ބައްޕަ ވާހޫ ކޮނޑަށް ލައިގެން ހިނގާފައި ދާތަނެވެ.

މި ދެ ބަފައިންނަކީ ބްރެޒީލްގެ އެމޭޒަން ޖަންގަލީގެ އެންމެ ފުނުގައި އޮންނަ ޒޯއީ އިންޑިޖިނަސް ކޮމިއުނިޓީއަށް ނިސްބަތްވާ ބައެކެވެ. މިހާރު މި ކޮމިއުނިޓީގައި ތިބީ 325 މެމްބަރުންނެވެ. ބްރެޒީލްގެ ރަސްމީ ޑާޓާތަކުން ހާމަވާ ގޮތުގައި އެ ކޮމިއުނިޓީގެ 853 މީހަކު ކޮވިޑް ޖެހިގެން މިހާތަނަށް މަރުވެފައި ވެއެވެ. އެހެންވީމާ ކޮންމެ ހާލެއްގައި ވެސް ބައްޕަ ގަޔަށް ވެކްސިން ޖަހައިދީގެން ބައްޕަގެ ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަން ޓާވީ ބޭނުންވީ އެވެ.

ޓާވީގެ ބައްޕަ ވާހޫ، 67، އަކީ ލޮލުގެ ފެނުން ވަރަށް ދަށް މީހެކެވެ. އެހެންވެ ރަނގަޅަށް ތަންތަން ނުފެންނާތީ އާއި ކުޑަކަމުދާނިޒާމުގައި ވެސް މައްސަލަތަކެއް ހުރުމުން ވާހޫއަށް ހިނގައި އުޅުން ވަނީ ވަރަށް ދަތި ކަމަކަށެވެ. އެހެންވެ ބައްޕަ ކޮނޑުމަތީ ބާއްވައިގެން ޓާވީ މި ދިގު ދަތުރު ކުރަން މަޖްބޫރު ވީއެވެ.

މިއީ މީގެ އެއް އަހަރު ކުރިން 2021 ގެ ޖެނުއަރީގައި ނަގާފައިވާ ފޮޓޯއެކެވެ. ނަމަވެސް ފޮޓޯ ވައިރަލްވީ މިއަހަރުގެ ޖެނުއަރީގަ އެވެ. ފޮޓޯ އަލުން ވައިރަލް ކޮށްލީ އާ އަހަރަކާއެކު ޕޮޒިޓިވް މެސެޖެއް ދިނުމުގެ ގޮތުން ކަމަށް ވެއެވެ.

ނަމަވެސް މި މީހާ މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހު ދުނިޔެ ދޫކޮށްފައިވާ ކަމަށާއި އޭނާގެ ދަރިފުޅު ޓާވީ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިވާ ކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.