ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ވެކްސިން ޖެހީމަ ކިނބުލަކަށް ބަދަލު ވެދާނެ: ބްރެޒިލްގެ ރައީސް

ކޮރޯނާވައިރަސް ވެކްސިން އަށް ދުނިޔޭގެ އެންމެން އިންތިޒާރު ކުރަމުންދާއިރު ބްރެޒީލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ. ވެކްސިން ޖަހައިގެން އާއްމު ހާލަތަކަށް ދިރިއުޅުން ބަދަލުކުރުމުގެ ފޮނި އުންމީދުގައި ތިބި ގިނަ ބަޔަކަށް ރައީސް ބޮލްސޮނާރޯ އިންޒާރު ދެއްވާފައިވަނީ ވެކްސިނަކީ ޖަހަން ހެޔޮވާވަރުގެ އެއްޗެއް ނޫން ކަމަށެވެ.

މަޝްހޫރު ފާމަސޫޓިކަލް ކުންފުނި ފައިޒާ އާއި އެ ކުންފުނީގެ ޕާޓްނާ ބައޮއެންޓެކް އިން އުފެއްދި ވެކްސިން ޖެހުމުން އިންސާނުން ކިނބޫ ތަކަކަށް ބަދަލުވެދާނެ ކަމަށާއި އަންހެނުންގެ ތުނބުޅިފަޅާފާނެކަމުގެ އިންޒާރު ބޮލްސޮނާރޯ ދެއްވާފައި ވެ އެވެ.

ބޮލްސޮނާރޯ މިގޮތަށް ވާހަކަ ދައްކަވާފައި މިވަނީ އެމެރިކާ އާއި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުން މި ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް ފަށާފައި ވަނިކޮށެވެ. އަދި ވަރަށް ގިނަ ގައުމުތަކަކުން ވަނީ ފައިޒާ އާއި މޮޑާނާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ.

ވެކްސިންގެ ސައިޑްއިފެކްޓްސް ތަކާ މެދު ބޮލްސޮނާރޯ ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮރޯނާވައިރަހާ ބެހޭ ގޮތުން ވެސް ބްރެޒީލްގެ ރައީސް ދައްކަވާފައިވަނީ ހަމަ މިކަހަލަ ބޯހަމަ ނުޖެހޭ ވާހަކަ ތަކެކެވެ. ކޮވިޑް-19 އަކީ "އަ ލިޓްލް ފުލޫ" (ކުޑަ އަރިދަފުސް ރޯގާއެއް) ގެ ގޮތުގައި ބޮލްސަނާރޯ އަބަދުވެސް ސިފަ ކުރައްވަ އެވެ.

ބްރެޒީލްގެ ރައްޔިތުންގެ ގަޔަށް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް ލޯންޗުކޮށްދެއްވިޔަސް އޭނާގެ ގަޔަށް ވެކްސިން ނުޖަހާނެ ކަމަށް ވެސް ބޮލްސަނާރޯ ވިދާޅުވެ އެވެ.

"ފައިޒާ ކޮންޓްރެކްޓްގައި ވަރަށް ސާފުކޮށް ލިޔެފައި އެބަ އޮވޭ ވެކްސިން ޖަހައިގެން ދިމާވާ ސައިޑް އިފެކްޓްސް އަށް އެމީހުން ޒިންމާއެއް ނުވާނަމޭ. ވެކްސިން ޖަހައިގެން ކިނބުލަކަށް ބަދަލުވިޔަސް އެއީ އެ ޖަހާ މީހެއްގެ އަމިއްލަ މައްސަލައެއް،" ބޮލްސޮނާރޯ ވިދާޅުވެފައިވެ އެވެ.

ފާހަގަކޮށްލަންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ފައިޒާ އާއި ބައޮއެންޓެކް ގުޅިގެން އުފެއްދި ވެކްސިން އިނގިރޭސި ވިލާތާއި އެމެރިކާގެ އެތައް ހާސް ރައްޔިތުންނަކަށް މިހާރު ދީފައިވާ ކަމެވެ. އަދި މި ވެކްސިން ޓެސްޓްކުރުމުގެ މަރުހަލާތަކުގައި ބްރެޒިލްގެ އެތައް ހާސް ރައްޔިތުންނަކަށް ވެސް ވެކްސިން ދީފައިވާ ކަމެވެ.

ވެކްސިން އާއި ބޭސް އުފެއްދުމުގެ ރޮނގުން ދުނިޔޭގެ އެންމެ ކުރީގައި އުޅޭ ކުންފުންޏާ ދެކޮޅަށް ވާހަކަ ދައްކަވަމުން ބޮލްސަނާރޯ އިތުރަށް ވިދާޅުވީ ވެކްސިން ޖަހައިގެން އިންސާނުން ސުޕަހިއުމަން އަށް ވިޔަސް އަދި އަންހެނުންގެ ތުނބުޅިފެޅިޔަސް އަދި ފިރިހެނުންނަށް އަންހެން އަޑުން ވާހަކަ ދައްކަން ފެށުނަސް އެ ކުންފުނި އެކަމަކާ ޒިންމާއެއް ނުވާނެ އެވެ.

ބޮލްސޮނާރޯގެ މި އަޖައިބެއް ކަހަލަ ހެއްވާ ތަގުރީރުގެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފަ އެވެ. އަދި ޓުވިޓާގައި މި ވީޑިއޯއަށް ޖޯކު ޖެހުމުގެ ކަންތައްތަކެއް ކުރިޔަށް އެބަދެ އެވެ.

ބޮލްސޮނާރޯގެ ވާހަކަފުޅަށް މަލާމާތްކުރަމުން ޓުވިޓާގައި ކޮމެންޓުކުރި ބައެއް މީހުން ބުނެފައިވަނީ ކޮވިޑް ޖެހިގެން މަރުވުމަށް ވުރެ ކިނބުލަކަށް ބަދަލުވުން ވެސް އެ މީހުންނަށް މާ ރަނގަޅު ކަމަށެވެ.

ޑިސެމްބަރު 16 ވަނަ ދުވަހު ފައިޒާ ކޮރޯނާވައިރަސް ވެކްސިން ޖެހި ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން ދެ މީހަކަށް ކަންބޮޑުވާ ކަހަލަ ރިއެކްޝަނެއް ދިމާވިކަމަށް ނިއު ޔޯކް ޓައިމްސްގައިވާ ރިޕޯޓެއްގައި ފާހަގަ ކޮށްފައި ވެއެވެ. އެމެރިކާގ އެލަސްކާގެ ބާލެޓް ރީޖަނަލް ހޮސްޕިޓަލުގެ ދެ ސިއްހީ އެހީތެރިންނަށް ރިއެކްޝަނެއް ކުރިމަތިވީ ވެކްސިން ދިންތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ. ނަމަވެސް އެކަކު ވަރަށް އަވަހަށް ރަނގަޅުވި އެވެ. އަނެކަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ. ނަމަވެސް މިހާރު އޭނާ ވެސް ވަނީ ރަނގަޅުވެފަ އެވެ.

މީގެ ތެރެއިން އެކަކީ މެދު އުމުރުގެ އަންހެނެކެވެ. އޭނާއަކީ ކުރިން އެއްވެސް އެލާޖީ މައްސަލައެއް ހުރި މީހެއް ނޫނެވެ. ނަމަވެސް ވެކްސިން ދިންތާ 10 ވަރަކަށް މިނިޓް ތެރޭގައި އޭނާއަށް އެނަފެލެކްޓިކް ރިއެކްޝަނެއް ކުރިމަތިވި އެވެ. މިއީ ދިފާއީ ނިޒާމުގެ މަސައްކަތް ކުއްލި އަކަށް މާ ބާރަށް ކުރަން ފެށުމުން ދިމާވާ ކަމެކެވެ.

ދިރޭ އެއްޗެހި ކަށިޖެހީމަ އާއި ބައެއް ކަހަލަ ބޭހުން ވެސް މިފަދަ ރިއެކްޝަން ބައެއް ފަހަރަށް އިންސާނުންނަށް ކުރިމަތިވެ އެވެ. އެ މީހާ އަށް މި ރިއެކްޝަން އައުމުން މޫނާއި ގައިގައި ބިހިތަކެއް ނަގައި ނޭވާ ކުރުވެ އަދި ހިތް ހިނގާ ރޭޓް މަތިވި އެވެ.
ރިއެކްޝަން އައި ދެ ވަނަ މީހާ އަށް ވެކްސިން ޖެހިތާ 10 މިނިޓް ތެރޭގައި ދެ ލޯ ދުޅަވެ ބޯއަނބުރާގޮތްވެ އަދި ކަރުތެރެ ހިރުވުން ފަދަ ކަންކަން ދިމާވި އެވެ. ވަގުތުން އިމަޖެންސީ ރޫމަށް ގެންގޮސް ފަރުވާ ދިނުމުން އިރުކޮޅެއް ތެރޭގައި އެމީހާގެ ހާލު ރަނގަޅުވި އެވެ.

ވެކްސިން ޖަހާ އެތައް ހާސް ބައެއްގެ ތެރެއިން މަދު ބަޔަކަށް މިފަދަ އެލާޖިކް ރިއެކްޝަނެއް އައުމަކީ ވެދާނެ ކަމެއް ކަމަށް ކުރިން ވެސް ވަނީ ބެލެވިފަ އެވެ.