ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

"ކޮވިޑާ ހެދި 180،000 ހެލްތު ވޯކަރުން މަރުވެފައި ވެދާނެ"

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2021 ވަނަ އަހަރުގެ މެއި މަހާ ދެމެދު ކޮވިޑާ ގުޅުންހުރި ހާލަތްތަކުގައި 80،000 އާއި 180،000 އާ ދެމެދުގެ އަދަދަކަށް ސިއްހީ ޚިދުމަތް ތެރިން މަރުވެފައި ވުމަކީ އެކަށީގެންވާ ކަމެކެވެ.

ޑަބްލިއުއެޗްއޯގެ ވެރިއާ، ޓެޑްރޮސް އަދަނަމްގެ އެދިވަޑައި ގަތުމަކީ ކޮވިޑާ ގުޅުންހުރި މާހައުލު ތަކުން ސިއްހީ ހިދުމަތްތެރިންނަށް ދިމާވާ މައްސަލަތައް ރަނގަޅަށް ބަލައި މޮނީޓާ ކުރުމެވެ. ސިއްހީ އޮފިޝަލުންގެ މެދުގައި ބަލިފެތުރޭ ނަމަ އަދި ހިދުމަތް ތެރިންގެ ތެރެއިން މަރުވާ އަދަދު ރަސްމީ އިދާރާތަކަށް ފޮނުވަމުން ގެންދިއުމެވެ.

ޓެޑްރޮސް ވިދާޅުވީ އެފްރިކާގައި ވެކްސިން ފުރިހަމަކުރި ސިއްހީ އެހީތެރިން މަދު ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ދިހަ ހެލްތު ވޯކަރެއްގެ ތެރޭގައި ވެކްސިން ފުރިހަމަކުރި އެންމެ މީހަކު ވެސް ނުހިމެނޭ ގައުމުތައް ގިނަ ކަމަށެވެ.

ޑަބްލިއުއެޗްއޯ ބުނާ ގޮތުގައި ދުނިޔޭގެ 119 ގައުމަކުން އެއްކޮށްފައި ހުރި މައުލޫމާތަށް ބަލާއިރު، ވެކްސިން ފުރިހަމަ ކޮށްފައި ތިބީ ކޮންމެ ފަސް އެހީތެރިންގެ ތެރެއިން ދެމީހަކު ކަމަށެވެ.

ޑައިރެކްޓަރު ޖެނެރަލް ގައުމުތަކަށް ގޮވާލައްވަނީ ސިއްހީ އެހީތެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށާއި ގަވާއިދުން މުސާރަ ދިނުމާއެކު އެހެނިހެން ގޮތްތޮގުން އެހީތެރިވެ ދިނުމަށެވެ.

އދ. ގެ ސިއްހަތާ ބެހޭ އިދާރާއިން ގައުމުތަކަށް އިލްތިމާސްކުރަނީ ސިއްހީ ހިދުމަތް ތެރިންނަށް ކޮވިޑް ވެކްސިން ދިނުން އިސްކޮށް އަވަސްކުރުމަށެވެ.

ކޮވިޑް ވެކްސިނަށް ހުއްދަ ދިންތާ ދިހަ މަހަށް ވުރެ ގިނަ ދުވަސް ފާއިތުވެ ދިއައިރު ވެސް ސިއްހީ ހިދުމަތް ތެރިންނަށް ވެކްސިން ފުރިހަމަ ނުކުރެވި އޮތުމަކީ ކުށެއް ކަމަށް ޓެޑްރޮސް ވިދާޅުވި އެވެ. އަދި ދުނިޔޭގެ ފެންވަރުގައި ވެކްސިން ސަޕްލައި ކޮންޓްރޯލް ކުރާ ގައުމުތަކާއި ކުންފުނިތަކަށް ދައުވާކުރެވިދާނެ ކަމަށް ވެސް ޑަބްލިއުއެޗްއޯގެ ވެރިޔާ ވިދާޅުވި އެވެ.