ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނައިފަރު

އަންނަ ހަފުތާގައި ނައިފަރުގެ މޮނިޓަރިން އުވާލަނީ

އަން ހަފުތާގައި ޅ. ނައިފަރުގެ މޮނިޓަރިން އުވާލެވިދާނެ ކަމަށް ލަފާކުރެވޭ ކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

މިހާތަނަށް އެންމެ ގިނަ ދުވަހު ބަންދުގައި އޮތް ނައިފަރުގައި މިވަގުތު ކޮވިޑް ޖެހިފައި ތިބީ ތިން މީހުނެވެ.

މުހައްމަދު މިއަދު ވިދާޅުވީ ރަށުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައި ވާތީ ރަށުގެ މޮނިޓަރިން އުވާލަން 100 ރެންޑަމް ސާމްޕަލް ނަގަން އެޗްޕީއޭން އަންގާފައިވާ ކަމަށެވެ. އެ ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވް އެއްވެސް ކޭސްއެއް ނުފެނިއްޖެނަމަ ރަށް ހުޅުވައިލާނެ ކަމަށް ވެސް އެޗްޕީއޭއާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

ނައިފަރުން އެންމެ ފަހުން ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވީ ދަތުރު ކުރަން ނެގި ސާމްޕަލެކެވެ. އެ ކޭހަށް 14 ދުވަސް ހަމަވީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން 100 ރެންޑަމް ސާމްޕަލް ހަމަ ކުރަން މިހާތަނަށް 85 ސާމްޕަލް ވަނީ ނަގާފަ އެވެ. އެ ސާމްޕަލުތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.

"އެ ހުރިހާ ސާމްޕަލެއްގެ ނަޖީތާ އަންނަ ހަފްތާ ލިބޭނެ ކަމަށް އަޅުގަނޑުމެން މިބަލަނީ. ހުރިހާ ސާމްޕަލެއް ނެގެޓިވްވެއްޖެ ނަމަ ރަށް ހުޅުވާލާނަން،" މުހައްމަދު ވިދާޅުވި އެވެ.

ޅ. އަތޮޅު ހޮސްޕިޓަލުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ނައިފަރުން މިހާތަނަށް 921 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. މިއީ މިހާތަނަށް އަތޮޅުތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި އަދި އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތް ރަށެވެ. އެރަށް މޮނީޓަރިންނަށް ލާފައި ވަނީ މިއަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ.

ކޮވިޑް ކޭސްތައް މައްޗަށް ދިއުމުން އެ ރަށުގައި 12 ގަޑިއިރުގެ ކާފިއުއެއް ވެސް ހިންގި އެވެ. ނަމަވެސް ހާލަތު ރަގަޅުވަމުން އަންނާތީ އެޗްޕީއޭ އިން މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ވަނީ ފިޔަވަޅުތައް ލުއިކޮށްދީފަ އެވެ. އެގޮތުން ކެފޭ / ރެސްޓޯރެންޓްތަކާއި ފިހާރަތައް ހުޅުވަން ވަނީ ހުއްދަ ދީފަ އެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ބޭރަށް ނިކުމެ އުޅުމާއި ކުޅިވަރާއި ކަސްރަތު ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ހުއްދަވެސް ވަނީ ދީފަ އެވެ. މީގެ އިތުރުން އާންމު ތަންތަނުގައި އެއްވެ އުޅުން މަނާކުރި މަނާކުރުން ވެސް ވަނީ އުވާލައިފަ އެވެ.