ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން އިއްޔެ ކޮވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ހޮސްޕިޓަލުގެ މުވައްޒަފުންގެ ބޮޑު ބައެއް ކަރަންޓީނު ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖަރު ޖައުފަރު އަބްދުﷲ ވިދާޅު ވެއްޖެ އެވެ.
ޖައުފަރު ވިދާޅުވީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންތަކެއް ކަރަންޓީނު ކޮށްފައިވާއިރު ޑިއުޓީގައި މިވަގުތު ތިބީ ތިން ޑޮކްޓަރުން ކަމަށާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންތަކެއް ވެސް މިވަގުތު ކަރަންޓީނުގައި ތިބުމުން ހޮސްޕިޓަލުގެ ހާލަތު ގޯސް ކަމަށެވެ.
ނައިފަރުގައި ރޯދައިގެ ކުރިން ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. ނަމަވެސް ރޯދަމަސް ފެށުމާއެކީ އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް ވަނީ އުވައިލައިފަ އެވެ.
ޖައުފަރު ވިދާޅުވީ އެ ރަށުގައި މީހުންގެ މޫވްމެންޓަށް ބަލާއިރު ރަށުގައި ބަލި އުޅޭހެން ހީނުވާ ކަމަށާއި ލަފާ ކުރެވޭ ގޮތުގައި އަވަހަށް މިކަމުން އަރައި ނުގަނެވޭނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ކަރަންޓީނުގައި ތިބޭ މީހުން ވެސް ބޭރަށް ނިކުމެ އުޅޭ ކަމަށާއި އެކަމަކު ބޮޑު އާބާދީއެއް އޮންނަ ރަށަކަށް ވާއިރު ކަރަންޓީނުގައި ހުންނަ މީހަކު ބޭރަށް ނުކުމެ އުޅުނަސް އެނގުން ކުޑަ ކަމަށެވެ.
"މާސްކް ނާޅާ ވެސް ބައެއް މީހުން އުޅޭ. ފުލުހުން ވެސް ނަސޭހަތްތެރިވޭ އެފަދަ މީހުންނަށް. އިއްޔެ އަޅުގަނޑުމެން ފުލުހުންނާއި ކައުންސިލާ މަޝްވަރާ ކުރިން ރަށުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން. ފުލުހުން ރަށުތެރެ މޮނީޓާ ކުރުމަށް ނިކުންނަން ޑިސްކަސް ކޮށްފައި ވާނެ." ޖައުފަރު ވިދާޅުވި އެވެ.
ނައިފަރުން އިއްޔެ ވަނީ 13 މީހަކު ޕޮޒިޓިވްވެފަ އެވެ. މިވަގުތު ކޮވިޑް ޖެހިފައި 89 މީހަކު ތިބިއިރު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 298 އަށް އަރާފަ އެވެ. 208 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ.
ނައިފަރުން ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ އެރަށުން ޕޮޒިޓިވްވީ ރ. އުނގޫފާރު ހޮސްޕިޓަލަށް ހިދުމަތް ހޯދަން ދިޔަ މީހެކެވެ. އެއާ ގުޅިގެން އެޗްޕީއޭ އިން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ.