އެޗްއައިވީއަށް ޕޮޒިޓިވްވެފައިވާކަން ހޮލީވުޑް ތަރި ޗާލީ ޝީން ހާމަކޮށްފިއެވެ. ޓީވީ ޝޯ "ޓުޑޭ" އަށް ދިން އިންޓަވިއުއެއްގައި ޗާލީ ޝީން ބުނީ އޭނާ އެޗްއައިވީއަށް ޕޮޒިޓިވް ވެފައިވާކަން އެނގުނުތާ މިހާރު ހަތަރު އަހަރު ވެފައިވާ ކަމަށެވެ.
ޝީން ބުނީ އޭނާގެ ބަލީގެ ވާހަކަ އެންމެ ގާތް ރައްޓެހިންނަށް ކިޔާދީފައި ވާނެ ކަމަށާއި އެމީހުންގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރެވުނު ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި އެމީހުން އޭނާއަށް ބޭވަފާތެރިވެ ބްލެކްމެއިލް ކުރީ ކަމަށެވެ. އަދި އޭނާގެ ބަލީގެ ވާހަކަ ފަޅާއަރުވާ ނުލުމަށް އެދި، އެކި ފަރާތްތަކަށް މިލިއަނުން ހަރަދު ކޮށްފައި ވާނެ ކަމަށާއި އަމިއްލައަށް އެކަން އިއުލާނުކުރީ އެ ހުރިހާ އުނދަގުލަކުން މިންޖުވާން ކަމަށް ޝީން ބުންޏެވެ.
ޝީން ބުނީ މަސްތުވާތަކެތި ބޭނުން ކުރުމާއި ރާ ބުއިމަކީ އޭނާއަށް ހެދުނު ގޯހެއް ކަމަށެވެ. އެކަމަކު އޭނާގެ ފަރާތުން އެހެން މީހަކަށް އެޗްއައިވީ ވައިރަސް އަރާފައިވުން ނާދިރު ކަމަށެވެ. މަސްތުވާތަކެތި މިހާރު ބޭނުން ނުކުރާ ކަމަށާއި އެކަމަކު އަދިވެސް ކޮންމެވެސް ވަރަކަށް ރާ ބޯ ކަމަށް ޝީން އެއްބަސްވިއެވެ.
މަޝްހޫރު އެކްޓަރުގެ އިންޓަވިއުގައި އޭނާ ބުނީ މި ބަލި އޭނާއަށް ޖެހުނު ގޮތް ބުނަން ނޭންގެ ކަމަށެވެ. އަދި އޭނާއަށް އެޗްއައިވީ ޖެހިފައިވާކަން އެނގުނީ ބޮލުގައި ރިއްސާ އާދަޔާ ހިލާފަށް ދާހިއްލާތީ ޑޮކްޓަރުން ޓެސްޓުތައް ހެދުމުން ކަމަށެވެ.
ޗާލީ ޝީންގެ އިންޓަވިއުގައި އޭނާގެ ޑޮކްޓަރުވެސް ބައިވެރިވިއެވެ. ޑޮކްޓަރު ބުނީ ބަރާބަރަށް ބޭސް ކަމުންދާތީ ޝީންގެ ސިއްހަތު ރަނގަޅު ކަމަށާއި ޝިންއަށް އެއިޑްސް ޖެހިފައިވާ ކަމަށް ބުނާ ވާހަކަ ތަކަކީ ދޮގެއް ކަމަށެވެ. ބައެއް ފަރާތްތަކުން ކުރިން ވަނީ ޝީންއަށް އެއިޑްސް ޖެހިފައިވާ ކަމަށާއި އެކަން އެނގިހުރެ އޭނާ ދަނީ އެހެން މީހުންނަށް ބަލި ފަތުރަމުން ކަމަށް ބުނެ ހަބަރު ފަތުރާފައެވެ. ޝީންއާއި އޭނާގެ ޑޮކްޓަރުން އޭނާގެ ބަލީގެ ވާހަކަ އާންމުކުރުމުން ދެން އެފަދަ ދޮގުތަކުން ސަލާމަތްވެވޭނެ ކަމަށް އޭނާ އުންމީދު ކުރެއެވެ.
ޓިވީ ސިލްސިލާ "ޓޫ އެންޑް އަ ހާފް މޭން" އިން ބޮޑު މަގުބޫލުކަމެއް ހޯދި ޝީންގެ ބައެއް މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ޕްލެޓޫން އާއި ވޯލް ސްޓްރީޓް ހިމެނެއެވެ. 2011 ވަނަ އަހަރު އޭނާއަކީ ސީރީޒެއްގެ އެޕިސޯޑަކަށް އެންމެ ބޮޑު އަގު ލިބޭ ތަރިއެވެ. އޭރު އޭނާ އެޕިސޯޑެއް ކުޅެދެނީ ތިން މިލިއަން ޑޮލަރަށެވެ.