އަތޮޅުތެރޭގެ ރަށްތަކުގައި ކަރަންޓީނުވެގެން ތިބި މީހުންގެ ތެރެއިން ކޮވިޑް 19ގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީނުން ދޫކޮށްލަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
އެޗްޕީއޭ އިން މިގޮތަށް ނިންމީ ވެކްސިންގެ ދެ ޑޯޒަށްފަހު 14 ދުވަސް ފުރިހަމަކޮށްފައިވާ މީހުންނަށް ދަތުރުކުރުމަށް ހުއްދަ ދިނުމަށް އެ އެޖެންސީން އިއްޔެ ނިންމާފައިވާ ނިންމުގެ ދަށުންނެވެ.
އެޗްޕީއޭ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވެކްސިންގެ ދެ ޑޯޒަށްފަހު 14 ދުވަސް ފުރިހަމަކޮށްފައިވާ މީހުން ޕީސީއާރް ޓެސްޓު ހަދާ ނެގެޓިވް ނަތީޖާ އޮތް ނަމަ ކަރަންޓީނުން ދޫކޮށްލާނެ ކަމަށެވެ. އަދި މާލެއިން ރަށްރަށަށް ދަތުރުކޮށް މިވަގުތު ހޯމް ކަރަންޓީނުގައި ތިބި ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިންނަށް ވެސް ނެގެޓިވް ނަތީޖާއެއް ލިބިއްޖެނަމަ ދޫކޮށްލެވޭނެ އެވެ.
ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކޮވިޑް-19 އިމަޖެންސީ ޔޫސް ލިސްޓިން އަށް ހުއްދަ ދީފައިވާ ވެކްސިނެއް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ ފަރާތްތަކަށް ވެސް ލުއި ދިނުމަށް އެޗްޕީއޭ އިން ވަނީ ނިންމާފަ އެވެ. އެގޮތުން މިވަގުތު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ހަތް ދުވަސް ފުރިހަމަކޮށްފައިވާ މީހުން ޓެސްޓު ހަދައި ނެގެޓިވް ނަތީޖާ ލިބުމުން ކަރަންޓީނުން ދޫކޮށްލާނެ އެވެ.
ރާއްޖެއިން ފެންނަ ކޮވިޑް 19ގެ ކޭސްތަކުގެ އަދަދު ދަށްވުމުން އެޗްޕީއޭއިން އިއްޔެ ވަނީ ގިނަ ލުއިތަކެއް ދީފަ އެވެ. އެގޮތުން މާލޭ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު އުވާލާފައި ވާއިރު ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރު ކުރަން ހުއްދަވެސް ވަނީ ދީފަ އެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަށް ވެސް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ހޮޓާ، ރެސްޓޯރެންޓްތައް ރޭގަނޑު 11:30 ދަންވެން ހުޅުވާފައި ބެހެއްޓޭނެ އެވެ. ފިހާރަތަކުން ރޭގަނޑު 10:00 ޖަހަން ދެން ހިދުމަތް ދެވޭނެ އެވެ.