ބޭރުގެ އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިބި ސަފީރުންނާއި ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތް ކުރައްވާ ޑިޕްލޮމެޓުންގެ ކަރާމާތާ އަބުރަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހަބަރުތައް ނުފެތުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސް ކޮށްފި އެވެ.
އެމްއެމްސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބައެއް ނޫސްތަކުގައި ބޭރުގެ ޑިޕްލޮމެޓުންގެ އަބުރަށް އުނިކަން ލިބޭ ގޮތަށް ހަބަރުތައް ފަތުރާކަމަށާއި އަދި ކަމާ ގުޅުންހުރި އިދާރާތަކުން އެފަދަ ޝަކުވާތައް އެ ކައުންސިލަށް ހުށަހަޅަމުންދާ ކަމަށެވެ.
އެއްވެސް ގައުމަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ ގުޅުންތަކާ ގުޅުންހުރި ހަގީގަތާ ހިލާފުވާހަކަތައް ނުފެތުރުމަށާއި ރާއްޖޭގައި ހުރި ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި ޑިޕްލޮމެޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ހަބަރުތައް ނުލިޔުމަށް ވެސް ބަޔާނުގައި އެދިފައިވެ އެވެ.
"މިފަދަ ކަންކަމަކީ އޭގެ ސަބަބުން ރާއްޖެއާއި ދޭދޭ ގައުމުތަކާއި އޮތް ގުޅުމަށް ބުރޫއަރައި ވަކި ގައުމަކާމެދު އާންމު ރައްޔިތުން ދެކޭ ގޮތް ބަދަލުވުމުގެ ސަބަބުން ޖުމްލަ ގޮތެއްގައި މުޅި ގައުމަށް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމެކެވެ."
ގާނޫނުން ލިބިގެންވާ ނޫސްވެރިކަމުގެ މިނިވަންކަން ރަގަޅު ގޮތުގައި ބޭނުންކުރުމަށްވެސް އެމްއެމްސީން ވަނީ ހުރިހާ ނޫސްވެރިންނަށް އިލްތިމާސް ކޮށްފަ އެވެ.
ބޭރުގެ ޑިޕްލޮމެޓުންގެ އަބުރަށް އުނިކަން ލިބޭ ގޮތަށް ހަބަރުތައް ނުފެތުރުމަށް އެދި ފޮރިން މިނިސްޓްރީން ވެސް ވަނީ މީގެ ކުރިން ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ތަސައްވުރު ކިލަނބުވެ ރާއްޖެއަށް ލިބެން ހުރި ވިޔަފާރި އާއި ފަތުރުވެރިކަމުގެ ފުރުސަތުތަކަށް ވެސް އެފަދަ ހަބަރުތައް ފެތުރުމުން ނޭދެވޭ އަސަރުކުރާ ކަމަށެވެ.
ރާއްޖޭގެ ތިއްބަވާ ޑިޕްލޮމެޓުންނާއި ޑިޕްލޮމެޓިކް މިޝަންތަކާއި ޑިޕްލޮމެޓުން ދިރިއުޅުއްވާ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމަޓިކް ރިލޭޝަންސް 1961 ގެ ދަށުން ދިވެހި ދައުލަތުގެ ޒިންމާ އެކެވެ. އެހެންކަމުން ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ގައުމުތަކާމެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށާއި ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫއަރާ ފަދަ ގޮތްތަކަށް ހަގީގަތާ ހިލާފު ހަބަރުތައް ނުފެތުރުމަށް ފޮރިން މިނިސްޓްރީން އެދިފައިވެ އެވެ.