އަފްޣާނިސްތާނުގައި ތިބި ޗައިނާ މީހުން ގައުމަށް ގެންދަން ފަށައިފި އެވެ. މިހާތަށް 210 މީހުން ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ހަބަރުތައް ބުނާ ގޮތުން ބޭރު ގައުމުތަކުގެ މީހުންނަށް އަފްޣާންގައި މިވަގުތު މަސްލަހަތެއް ނެތެވެ.
އެމެރިކާއާ ނޭޓޯ އަދި އެކުވެރި ގައުމުތަކުގެ ސިފައިން އަފްޣާން ދޫކޮށް ފޭބުން ވެފައި ވަނީ އެ ގައުމަށް އަދި ސަރަހައްދަށް ވެސް ބޮޑު ނުރައްކަލަކަށެވެ. ތާލިބާނުންގެ ބާރު އިހުނަށް ވުރެ ގަދަކޮށް އަފްޣާނިސްތާންގެ އަަވަށްތައް ހިފައި އަންނަނީ ވެރިވެގަންނަމުންނެވެ.
ޗައިނާގެ ޝޯމަން އެއާލައިނުން ގްލޯބަލް ޓައިމްސްއަށް ބުނި ގޮތުން އެ އެއާލައިނުން ގެންދަނީ އަފްޣާންގައި ތިބި ޗައިނާ މީހުން ގައުމަށް އުފުލަމުންނެވެ. އަދި އިތުރު މީހުން އުފުލަން އެޖެންޑާކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޝޯމަން އެއާލައިނުން ބުނީ މީހުން އުފުލަން ހަމަޖެހިފައި ވަނީ ވަކި މުއްދަތެއްގައި ވަކި އަދަދަކަށެވެ. ޗައިނާގައި ކޮވިޑާ ގުޅިގެން އަޅާފައި ހުރި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ގައުމަށް އެތެރެވާ މީހުންގެ އަދަދު އޮތީ ކޮންޓްރޯލް ކޮށްފަ އެވެ. އަދި ބަލި ފެތުރޭ ނަމަ އެ ސަރަހައްދަކުން މީހުން އުފުލުން މެދުކަނޑާލަން ވެސް ވަނީ ހަމަޖައްސާފަ އެވެ.
އަފްޣާނުން އެމެރިކާ ސިފައި ފޭބުމަކީ އިންޑިއާ އަދި ޕާކިސްތާނަށް ވެސް ކަންބޮޑުވުމަކާށް ވާނެ އެވެ. މީހުން ކިޑްނެޕް ކުރުމާއި ތާލިބާނުންގެ އަސާސްތަކަށް ތަބާނުވާ މީހުންނަށް ޖިސްމާނީ ގޮތުން އަނިޔާ ކުރުމަކީ ވެސް އޮތް ބިރެކެވެ.