ހިޔާ މަޝްރޫއު

ފްލެޓް ލިބުނު މީހުން "ފަހުގެ އާދޭސް" ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ ފްލެޓްތަށް ލިބުނު މީހުން ސޯޝަލް މީޑިއާގައި "ފަހުގެ އާދޭސް" ގެ ނަމުގައި އިހްތިޖާޖެއް ފަށައިފި އެވެ

އިހްތިޖާޖު ކުރަމުން ދަނީ ހިޔާ ފްލެޓް ލިބުނު މީހުން ހިންގާ ވައިބާ ގުރޫޕް "ހިޔާ ފްލެޓް ޔޫނިއަން" މެދުވެރިކޮށް ސޯޝަލް މީޑިއާގަ އެވެ. ކޮވިޑްގެ މި ހާލަތުގައި ހިމޭންކަމާއެކު ގޭގައި ތިއްބެގެން އެ މީހުން އިހްތިޖާޖު ފެށީ މިއަދު 2:00 ގައެވެ. އަދި މާދަމާ ރޭ 8:23 އާއި ހަމައަށް އެ އިހުތިޖާޖު ކުރިއަށް ގެންދާނެ އެވެ. 29 ގަޑިއިރަށް ދެމިގެންދާ އެ އިހްތިޖާޖުގައި ކޮންމެ މީހަކު ވެސް އެމީހެއްގެ ޝުއޫރު ފާޅުކޮށް ގުރޫޕްގައި ހިއްސާކުރާ ފޮޓޯތަށް އެކި ޕްލެޓް ފޯމްތަކުގައި އަންނަނީ ބޭނުން ކުރަމުން ނެވެ.

ދެދުވަހަށް ދެމިގެންދާ މި އިހުތިޖާޖު ގެ މަގުސަދަކީ ހިޔާފުލެޓު ލިބިފައިވާ އާއިލާ ތަކުން އެމީހުންގެ ކަންބޮޑުވުންތައް ކަމާގުޅުން ހުރި ވުޒާރާތަކުގެ ސަމާލުކަމަށް ގެނައުމެވެ.

ހިޔާ ފްލެތްތަކުގެ އެއްބަސްވުމުގައި ސޮއި ކުރަން ފަށާނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. މީގެ ކުރީން ރައީސް އޮފީހު ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައިވާ ގޮތުގައި މަސް ދުވަހުން ހިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް ނިމޭނެ އެވެ.

ހިޔާ ފްލެޓް ތަކަށް ކުލީގެެ ގޮތުގައި މަހަކު ދައްކަން ޖެހޭ މިންވަރު 6،000 ރުފިޔާ އަށް ވުރެ ކުޑަކޮށް ދޭން މާލެ ސިޓީ ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ހުށަހަޅާފަ އެވެ. އެކަމާއި ގުޅޭގޮތުން މަޝްވަރާތަކެއް ވެސް ކުރިއަށް ދެއެވެ. ނަމަވެސް އެއްބަސްވުމަކަށް އަދި ނާދެވެއެވެ.