ފްލެޓް ޑައިރީ

900 އަށްވުރެ ގިނަ މީހުން ފްލެޓް ލާޖައްސަން އެދޭ

ހުޅުމާލޭ ހިޔާ ޓަވަރުތަކުން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 900 އަށްވުރެ ގިނަ މީހުން ލިބުނު އެ މީހުންގެ ފްލެޓް އެޕާޓްމަންޓް އެހެން ފަރާތަކާއެކު ލާޖައްސަން -- ބަދަލު ކުރަން -- ބޭނުންވާ ކަމަށް ހިލާ ފްލެޓް ޔޫނިއަނުން ބުނެފި އެވެ.

އެ މައުލޫމާތުތައް އަވަސްއާ ހިއްސާ ކުރަމުން ހިޔާ ފްލެޓް ޔޫނިއަނުން ބުނީ ފްލެޓް ލިބިފައިވާ މީހުން ހިޔާގެ އެހެން ފްލެޓަކާ ލާޖައްސަން ބޭނުން ނަމަ ދެ ފަރާތް ގުޅިގެން އެކަން ކުރެވޭ ގޮތަށް ސޯޝަލް މީޑިޔާގައި ދެ ހަފުތާ ކުރިން ހުޅުވާލި ކަމަށެވެ. އަދި އެ ފުރުސަތުގައި 900 އަށްވުރެ ގިނަ މީހުން ފްލެޓް ލާޖައްސަން ބޭނުންވާކަން އެނގުނު ކަމަށެވެ.

ހިޔާ ފްލެޓް ލިބުނު މީހުންގެ ވައިބާ ގްރޫޕެއް ވެސް އެ ޔޫނިއަނުން ހިންގަ އެވެ. އެ ގްރޫޕުގައި ވެސް ގިނަ ބަޔަކު ފްލެޓް ލާޖައްސަން ބޭނުންވާ ކަމަށް ބުނެފައި ވެއެވެ. އަދި ފްލެޓް ލިބުނު ފްލޯ އާއި އިތުރު މައުލޫމާތު ހިމެނުމުން އެ ތަން ބޭނުންވާ އިތުރު މީހަކު ހުރި ނަމަ އެކަން އެއްބަޔަކު އަނެއް ބަޔަކަށް އަންގަމުން ވެސް ދިޔައެވެ.

ޔޫނިއަނުން ބުނީ 900 އަށްވުރެ ގިނަ މީހުން ފްލެޓް ބަދަލު ކުރަން ބޭނުން ނަމަވެސް އެޗްޑީސީން ފްލެޓް އެކްސް ޗޭންޖް ކުރުމުގެ ޔަގީންކަމެއް ދީފައި ވަނީ 150 މީހުނަށް ކަމަށެވެ.

މިހާރު ހިޔާ ފްލެޓްގެ އެގްރިމެންޓްގައި ދަނީ ސޮއި ކުރަމުން ނެވެ. ހުރިހާ ފަރާތްތަކެއް ސޮއިކޮށް ނިމުމުން ފްލެޓް ލާޖައްސަން ބޭނުންވާ މީހުންގެ މަސައްކަތް ފަށާނެ އެވެ.

ހިޔާގައި 25 ބުރީގެ 16 ޓަވަރެއް ހިމެނެ އެވެ. ފްލެޓް ލިބުނު ބައެއް ފަރާތްތަށް މިހާރު ވަނީ އެއް ބަސް ވުމުގައި ސޮއި ކޮށްފައިވާއިރު ފްލެޓް ނިންމަން ދީފައި ވަނީ ތިން މަސް ދުވަހެ އެވެ. އޭގެ ފަހުން ކޮންމެ މަހަކު އެޗްޑީސީއަށް މަހަކު ކުއްޔަށް 8500 ރުފިޔާ ނަގާނެ އެވެ. އެކަމަކު ނިންމަން ދިން މުއްދަތު އިތުރު ކޮށްދޭށާއި ކުލި ވެސް ކުޑަ ކޮށްދިނުމަށް ފްލެޓްވެރިން ދަނީ ގޮވާލަމުން ނެވެ.