އެޗްޑީސީ

ހިޔާ ފްލެޓްގައި ކެފޭ ހިންގަން ސޮއިކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ކެފޭ ރެސްޓޯރެންޓް ހިންގަން ތިން ފަރާތަކާއިއެކު އެޗްޑީސީން އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އެޗްޑީސީން ބުނީ ހިޔާ ސަރަހައްދުގެ ރައްޔިތުންނަށް ފަސޭހަކަމާއިއެކު ހިދުމަތް ފޯރުކޮށްދިނުމަށް ފަސް ފަރާތަކާއި އެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ކަމަށެވެ.

އެޗްޑީސީން ސޮއި ކޮށްފައިވަނީ ޑައިނަމޯ، މޭނާ ކޭޓަރިން، މާލަސް ކެފޭ، މީޑިއާ ނެޓް އަދި އިންސްޓިޓިއުޓް އޮފް ގްލޯބަލް ސަކްސަސް (އައިޖީއެސް) އާއި އެކުގަ އެވެ.

ޑައިނަމޯ ކެފޭ އާއި މާލަސް ކެފޭ ހިންގަން ހަމަޖެހިފައިވަނީ ހިޔާ ފްލެޓްގެ ޓަވަރު ހަތެއްގަ އެވެ. މީޑިއާ ނެޓްގެ އޮފީސް ހިންގަން ހަމަޖެހިފައިވަނީ ޓަވަރު 12 ގައެވެ. އައިޖީއެސްގެ އޮފީސް ހިންގާނީ އީޖާދީ މަންސާ ޔުނިޓްގައި ކަމަށެވެ.

އައިޖީއެސް އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖައްވީ މިޝަން ކުރިއަށް ގެންދާ ކުންފުންޏެވެ. ޖައްވީ މިޝަންގެ ފުރަތަމަ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓް ކުރުމެވެ.

ހިޔާ ފްލެޓްތަކުގެ ގްރައުންޑް ފްލޯތައް ހާއްސަކޮށްފައިވަނީ އަސާސީ ހިދުމަތްތައް ދޭ ތަންތަން ހިންގަން ކުއްޔަށް ދިނުމަށެވެ. އެގޮތުން ފާމަސީ، ސެލޫން، ފިހާރަ ފަދަ ތަންތަން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވާލާފަ އެވެ. މިހާރު ހަތަރު ފިހާރައެއް ވަނީ ހިޔާ ފްލެޓްތަކުގައި ހުޅުވާފަ އެވެ.