ކުރީ ސަރުކާރުން ހިޔާ މަޝްރޫގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ ޓަވަރެއްގެ ތަނބެއް ބިންދައިގެން ގޮސްފައި ހުރި ކަމަށް ބުނެ ޝޯޝަލް މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތައް އެޗްޑީސީން ދޮގުކޮށްފި އެވެ.
އެޗްޑީސީގެ މީޑިއާ އޮފިސަރު އަވަސް އަށް ވިދާޅުވީ ހިޔާ ފްލެޓެއްގެ ތަނބު ކަމަށް ބުނެ ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ހިޔާޓަވަރެއްގެ ގުރައުންޑު ފުލޯގައި ރޭންޕެއް ހެދުމަށްޓަކައި ބޭރަށްވާގޮތަށް ހުރި ކޮންކުރީޓު ޝީޓުކޮޅެއް ކަނޑާލާފައިވާ ހިސާބުގައި ހުރި ތަންކޮޅެއް ކަމަށެވެ. އަދި އެ މަންޒަރު ނަގާފައި ވަނީ ޒޫމްކޮށްގެން ކަމަށެވެ.
ވީޑިއޯ އާންމުވުމާ ގުޅިގެން ކޮންޓުރެކްޓަރުލައްވާ އެކަމަށް އެންމެ އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށާއި މީގެ ދުވަސްކޮޅެއް ކުރިން އެ ތަންވަނީ މަރާމާތުކޮށްފައި ކަމަށް ވެސް އޮފިސަރު ވިދާޅުވި އެވެ.
ހިޔާ ފްލެޓެއްގެ ތަނބު ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވީ ތަނބެއް ބިންދައިގެން ގޮސް، ހޮއި ހެދިފައިވާ ކަމަށް ބުނާ މަންޒަރު ފެންނަ ވީޑިއޯ އެކެވެ. ޒޫމްކޮށްގެން ނަގާފައިވާ އެ ވީޑިއޯ އިން ސީދާ އެއީ ހިޔާ ޓަވަރެއްގެ ތަނބެއް ކަމެއް ސާފު ނުވެ އެވެ.
ހިޔާ މަޝްރޫގެ ދަށުން އިމާރަތް ކޮށްފައިވަނީ 25 ބުރީގެ 16 ޓަވަރެވެ. ފްލެޓްތައް ލިބުނު މީހުނަށް މިމަހުގެ 16 ވަނަ ދުވަހުގައި ވަނީ ތަޅުދަނޑި ހަވާލުކުރަން ނިންމާފަ އެވެ.