މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

ކެމިކަލް މެނޭޖުކުރާ ފެސިލިޓީއެއް ހަދަނީ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާއި އެކު 2020 ވަނަ އަހަރު ފަށާފައިވާ "އެލިމިނޭޓިން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓަސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއުގެ ދަށުން ގްރޭޓާ މާލޭ ސަރަހައްދުގައި ކެމިކަލްސް މެނޭޖުކުރާ ފެސިލިޓީއެއް ގާއިމުކުރުމަށް ފީސިބިލިޓީ ސްޓަޑީ ތައްޔާރުކުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޖަރުމަނު ވިލާތުގެ ކުންފުންޏެއް ކަމަށްވާ ފިޗްނާ އާއި އެވެ. ފިޗްނާގެ ފަރާތުން ސަބްކޮންސަލްޓަންޓެއްގެ ގޮތުގައި ރިނިއަބަލް އެނާޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވަނީ ކަނޑައަޅާފަައެވެ.

މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާއެވެ. އަދި ފިޗްނާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކިޓިވް ޑިރެކްޓަރު އެލެކްސެންޑަރު ބޯމް އެވެ. މިއަދު ހަވާލު ކުރި ކޮންސަލްޓެންސީގެ އަގަކީ 1.6 މިލިއަން ރުފިޔާ އެވެ. މަސައްކަތާއި ހަވާލުވި ފަރާތުން މަސައްކަތް ނިންމުމަށް މިނިސްޓްރީން ކަނޑައަޅާފައިވަނީ 6 މަސް ދުވަހެވެ.

މި ފީސިބިލިޓީގައި ބަލާނެ މުހިންމު ކަންތައްތަކުގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފެސިލިޓީ ހިންގޭނެ އިންތިޒާމުތައް ބަލައި ދިރާސާކުރުމާއި ފެސިލިޓީގެ އިންޖިނިއަރިން ޑިޒައިން ތައްޔާރު ކުރުން ހިމެނެއެވެ.

ފެސިލީޓީ ގާއިމުކުރުމުން ނުރައްކާތެރި ކުނީގެ ބާވަތްތައް ވަކި ކުރެވި ނުރައްކާތެރި ކުންޏާއި ކެމިކަލްސް މެނޭޖުކުރުމަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތިމާވެއްޓަށް ގެއްލުން ކުޑަކޮށް ކެމިކަލްސް އަދި ނުރައްކާތެރި ކުނި މެނޭޖްކޮށް ދިވެހިރާއްޖޭގައި މެނޭޖުނުކުރެވޭނެ ފަދަ (މާކުއިރީ އެކުލެވޭ) ކުނީގެ ބާވަތްތައް މި ފެސިލިޓީގައި ސްޓޯކޮށް ބޭރުގެ ފެސިލިޓީތަކަށް ގެންގޮސް ރައްކާތެރި ގޮތުގައި މެނޭޖްކުރުމަށް މިނިސްޓްރީން ވަނީ ރާވާފައެވެ. އަދި (ޕެސްޓިސައިޑް ބޭނުންކޮށްފައި ހުންނަ ކަންވާރު،ދަވާދު ހުސްވާ ފީފާ ނުވަތަ ކޮންޓެއިނަރު ލެބޯރެޓަރީތަކުގައި ބޭނުންކުރާ މުއްދަތު ހަމަވެފައިވާ) ކެމިކަލްގެ ބާވަތްތައް ދެމެހެއްޓެނިވި އުސޫލުތަކާއި އެއްގޮތަށް މެނޭޖުކުރުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން މާހައުލީ ނިޒާމަށް މި ފަދަ ނުރައްކާތެރި ކުނި އަދި ކެމިކަލްތަކުގެ ބާވަތްތައް ބޭރުވުމުގެ ސަބަބުން ފަސްގަޑަށާއި ކަނޑުގެ ދިރުންތަކަށް ދިމާވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެއެވެ.