ހަބަރު

ކުޅުދުއްފުށީ ގެއެއްގައި ރޯވެ މީހަކަށް އަނިޔާ ވެއްޖެ

ހދ. ކުޅުދުއްފުށީ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކަށް އަނިޔާ ވެއްޖެ އެވެ.

ކުޅުދުއްފުށީ ކައުންސިލް ރައީސް އަލީ ހާޝިމް ވިދާޅުވީ ރޭ ގާތްގަނޑަކަށް 4:50 އެހާކަންހާއިރު އަލިފާން ރޯވީ އެ ރަށު ނިކަމާގޭގައި ކަމަށާއި އެގޭގެ ވަރަށް ބޮޑުބައި އެކީ އަންދައި ހުލި ވެފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އެގޭގަ ދިރިއުޅޭ މީހަކަށް އަނިޔާ ވެފައިވާ ކަމަށާއި ނަމަވެސް އޭނާއަށް ސީރިއަސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

"އެގޭގަ ދިރިއުޅެމުން ދަނީ ތިން ކުދިންނާއި މަންމައެއް. ރޭ ފަތިހު އަލިފާނުގެ ހާދިިސާއެއް ހިނގައި އެގޭގެ ބޮޑުބައެއި އަންދައި ދެވަނަ ފަހަރަށް މަރާމާތަކާ ނުލާ ބޭނުން ނުކުރެވޭ ވަރުވެފަ ހުރީ،" ހާޝިމް ވިދާޅުވި އެވެ.

އެގޭގެ އިސް ބޭފުޅަކާއި ހަވާލާދީ ހާޝިމް ވިދާޅުވީ ރޯވި އިރު އެގެ ދެބުރިރަށް ނެގުމަށް ބައިވަރު މުދާ ގެނެސްފާ ވާނެ ކަމަށާއި އަދި އަލިފާނާއެކީ އެ މުދާވެސް ބޭނުން ނުކުރެވޭ ވަރަށް އަންދާގެން ދިޔަ ކަމަށެވެ.

އަލިފާންގަނޑު ނިއްވާލެވުނީ ރޯވިތާ ތިން ގަޑިއިރު ފަހުންނެވެ. އަދި އެކަން ހިނގައި ދިޔަގޮތް ފުލުހުން ދަނީ ބަލަމުންނެވެ.