ދުނިޔެ

އެމެރިކާއަށް އޮތް ބިރަކީ ހަމަ އެމެރިކާ: ޗައިނާ

ޗައިނާއޭ ކިޔައިގެން ބުއްދި ހަމަނުޖެހޭ ވާހަކަތައް ފެތުރުމަކީ އެމެރިކާއަށް ކުރެވޭ ލަދުވެތި ކަމަކަށް ވެދާނެ ކަމަށް ޗައިނާގެ ނައިބު ރައީސް ވަންގް ޗީޝަން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އެމެރިކާއަށް އޮތް ގޮންޖެހުމަކީ ހަމަ އެމެރިކާކަން ގަބޫލު ކުރުން ނޫން ގޮތެއް އެ މީހުންނަށް ނެތް ކަމަށެވެ.

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހެންރީ ކިސިންޖަރު ޖުލައި 9، 1971 ގައި ޗައިނާއަށް ޒިޔާރަތް ކުރެއްވި ފަހުން ޖުލައި 9، 2021 އަށް 50 އަހަރު ފުރުނީ އެވެ. އެކަމާ ގުޅުވައި ބޭއްވި އޮންލައިން ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ވަންގް ވިދާޅުވީ ދެ ގައުމުގެ ގުޅުން މިހާރު ރަނގަޅު ނޫން ކަމަށެވެ. ޗައިނާއާ އެމެރިކާ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ ޖެނުއަރީ 1، 1979 ގައެވެ.

ވަންގް ވިދާޅުވި ގޮތުން ޗައިނާއާ އެމެރިކާއަކީ މިހާރު ބީރައްޓެހިންނެވެ. ދެ ގައުމުގެ ގުޅުން އޮޔާ ދިއުމުގެ ކުރިން މަޝްވަރާ ކުރަން ޖެހިފައިވާ ކަމަށާއި ހަރުދަނާ ވާހަކަތަކެއް ދައްކައިގެން މެނުވީ އެކުގައި ދަތުރު ނުކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ދެ ގައުމަށް ވެސް އެންމެ ރަނގަޅު ގޮތަކީ ގުޅުން ބަދަހި ކުރުން ކަމަށެވެ.

ދުނިޔެ ބަދަލުވަމުންދާ ގޮތް އެމެރިކާއަށް ވިސްނޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވަންގް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބުއްދިވެރި ގޮތަކީ ބަދަލުވުންތަކަށް ހޭނި ފަރިތަވެ ފައިހަމަ ކުރުން ކަމަށެވެ.

ޒޫމް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި ހެންރީ ކިސިންޖަރު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ ޗައިނާއާ އެމެރިކާއާ އެއިރު އޮތް ގުޅުމަށް ވުރެ މިހާރު އޮތް ގުޅުން މުހިންމު ކަމަށާއި އެއްބާރުލާން ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ދެ ގައުމަށް އެކައްޗެއް ކިޔޭ ގޮތުް ނުވެގެން އުޅެނީ ކޮންމެވެސް ކަހަލަ ކުންޏެއް ޖެހޭތީ ކަމަށާއި ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

އެމެރިކާއިން ޗައިނާއާ މެދު ވިސްނާ ގޮތް ބަަދަލު ކޮށްގެން ނޫން ގޮތަކަށް ދެގައުމުގެ ގުޅުމަށް ހެޔޮ ބަދަލެއް އަންނާކަށް ނެތެވެ. މި ދެ ގައުމުގެ ގުޅުން ދުނިޔެއަށް ބޮޑު ކަމަކަށް ވެފައި ވާއިރު ރަޝިއާއިން ބުނީ އެމެރިކާއިން ކުރާ ކަމަކީ ބުލީ ކުރުން ކަމަށެވެ.

ރަޝިއާއިން ބުނީ ދުޅަހެޔޮ ވާދަވެރި ކަމެއް ގައުމުތަކުގެ މެދުގައި އޮންނަން ވާނެ ކަމަށާއި ބުލީ ކުރުމާއި ކަލަ ގޮވައިގެން ތަރައްގީއެއް ނުވާނެ ކަމަށެވެ.