ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

ކޮވިޑްގެ ހާލަތު ރަނގަޅުވުމުން އައްޑޫއަށް ބޮޑެތި ލުއިތަކެއް

Jul 10, 2021

ކޮވިޑް ފެތުރޭތީ ބަލި ކޮންޓްރޯލް ކުރަން އައްޑޫ ސިޓީގައި އެޅި ފިޔަވަޅުތަކަށް ލުއިތަކެއް ދީފި އެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިއަދުން ފެށިގެން ހެނދުނު 8:00 އިން ހަވީރު 6:00 އާއި ހަމައަށް ކެފޭ / ރެސްޓޯރެންޓްތަކުގައި ޑައިން އިންގެ ހިދުމަތް ދެވޭނެ ކަމަށެވެ.

ރޭ ފަތިސް ނަމާދުން ފެށެގެން މިސްކިތްތަކުގައި ޖަމާއާތް ހަދައިގެން ނަމާދު ކުރުމަށް ހުއްދަ ވެސް ވަނީ ދީފަ އެވެ. ނަމަވެސް ޖަމާއަތުގައި ނަމާދު ކުރެވޭނީ ގައިދުރުކޮށްގެންނެވެ.

މީގެއިތުރުން ކުޅިވަރު ކުޅޭ ތަންތަން ހުޅުވުމަށް ހުއްދަ ދީފައިވާއިރު ސެލޫން އަދި ޖިމް ފަދަ ތަންތަން ހުޅުވުމަށްވެސް ވަނީ ހުއްދަ ދީފަ އެވެ. އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އެތަންތަން ހުޅުވޭނީ ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ.

އައްޑޫގައި މިދިޔަ ހަފުތާގައިވެސް ވަނީ ލުއިތަކެއް ދީފަ އެވެ. އެގޮތުން ހިތަދޫ ފިޔަވައި މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫ ގައި ވަނީ ވަރަށް ބޮޑެތި ލުއިތަކެއް ދީފަ އެވެ. ނަމަވެސް މިހާރު ލުއި ދީފައި މިވަނީ ހިތަދޫ ވެސް ހިމެނޭ ގޮތަށެވެ.

މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރަން އަންގާފައިވާ އެންގުން ވެސް މިހާރު ވަނީ އުވާލާފަ އެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް އައްޑޫގެ ހުރިގާ ރަށަކުން ޕޮޒިޓިވް ވެފައިވަނީ 501 މީހެކެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބީ 52 މީހުންނެވެ. ތިން މީހަކު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ހޯދަމުންނެވެ.