ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި އޮތުމަށް ފަހު މިހާރު ހުޅުވައިލައިފައިވާ އައްޑޫ ސިޓީ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް ދާން ފަށައިފި އެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު އެ ސިޓީގައި ބަލިޖެހިފައި 349 މީހަކު އެބަ ތިއްބެވެ. މިދިޔަ އަހަރު އެންމެ ބޮޑަށް ކޮވިޑްގެ ހާލަތު ގޯސްވިއިރު އެކްޓިވް ކޭސްތައް 300 އާ ގާތްކުރާ އަދަދަކަށް މައްޗަށް އެރި އެވެ.
އެ ސިޓީ އިން އިއްޔެ އަލަށް 86 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
އެންމެ ގިނަ މީހުންނަށް ބަލިޖެހިފައި ތިބީ ހިތަދޫގަ އެވެ. އެއީ 158 މީހުންނެވެ. މީދޫގައި 67 މީހަކަށް ބަލިޖެހިފައި ތިބިއިރު، ފޭދޫގައި 58 މީހަކު ތިބީ ޕޮޒިޓިވްވެފަ އެވެ. ހުޅުމީދޫގައި 29، މަރަދޫފޭދޫގައި 19 އަދި މަރަދޫގައި ބަލި ޖެހިފައިތިބި ފަސް މީހަކު އެބަ ތިއްބެވެ.
އައްޑޫ ސިޓީއިން މިހާތަނަށް ބަލި ޖެހެގެން 14 މީހަކު ވަނީ މަރުވެފަ އެވެ.
ޕޮޒިޓިވް ކޭސްތައް ގިނަވަމުން އައި ނަމަވެސް އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެއް ނުވެ އެވެ.
އައްޑޫގައި ކޮވިޑްގެ ހާލަތު ވަރަށް ބޮަޑަށް ގޯސްވުމާއި ގުޅިގެން މިދިޔަ އަހަރުގެ އޮގަސްޓް މަހު ބަންދު ކުރި އެވެ. އޭގެ ފަހުން އެކި ފިޔަވަޅުތައް އަޅައިގެން ބަލި ކޮންޓްރޯލް ކުރުމަށްފަހު އަނެއްކާ ހުޅުވައިލީ ހަތަރު މަސް ފަހުން މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ.
ރާއްޖޭގެ ކޮވިޑް ހާލަތު ވެސް އަންނަނީ ގޯސްވަމުންނެވެ. އެގޮތުން މިހާރު ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ 1000 އިން މައްޗަށް އަރައިފަ އެވެ. އިއްޔެ ރާއްޖެއިން 1420 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.