ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ. މިއީ މިއަދުގެ ތިންވަނަ ކޮވިޑް މަރެވެ.
ކޮވިޑް ޖެހިގެން މިއަދު ފުރަތަމަ މަރުވެފައި ވަނީ ލ. ކޮވިޑް ފެސިލިޓީގައި އޮތް މީހެކެވެ. އެއީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭގެ ފަހުން ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހަކުވެސް މަރުވިއެވެ. އެއީ އުމުރުން 63 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވެފައި ވަނީ ހެނދުނު 6:16 އިގަ އެވެ.
މިއަދު ހެނދުނު 9 ޖެހިިއިރު އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ މަރުވެފައެވެ. އެއީ އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީގައި އޮތް މީހެކެވެ.
މިއަދުގެ މަރުތަކާއެކު ރާއްޖޭގެ ކޮވިޑް މަރުގެ ނަންބަރު 268 އަށް އަރާފައެވެ.
ކޮވިޑް ޖެހުނު ހަތް މީހަކު އައިސީޔޫގައި
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ޖެހޭ މީހުންގެ ނިސްބަތް ދަނީ ރެކޯޑް މިންވަރަކަށް އުފުލެމުންނެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑް ޖެހުނު 43 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ހަތް މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ.
އިއްޔެއަކީ ރެކޯޑް މިންވަރަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވީ ދުވަހެކެވެ. އިއްޔެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން ރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 1219 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއީ މި ފަހުން މާލެ ސަރަހައްދުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ދުވަހެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 547 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.
ރިސޯޓްތަކުން 89 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 7،171 ސާމްޕަލް އެވެ. މާލެ ސަރަހައްދުން ޓެސްޓް ކޮށްފައިވަނީ 3،361 ސާމްޕަލެވެ. މާލެ ސަރަހައްދުގެ ޕޮޒިޓިވް ރޭޓް މިހާރު ހުރީ 36 ޕަސެންޓް ގައެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 9،574 މީހުންނެވެ. މިހާތަނަށް 98،880 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.