މުހައްމަދު ނާޒިމް

ނާޒިމް އިސްވެ ސިޔާސީ ޕާޓީއެއް އުފައްދަނީ

Jul 10, 2021
11

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަވަން ތައްޔާރުވެއްޖެ އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި ނާޒިމް އުފައްދަވާ ޕާޓީއަށް 3،000 މެންބަރުންގެ ސޮއި ވެސް ވަނީ ހަމަކޮށްފަ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އުފައްދަވާ ސިޔާސީ ޕާޓީއަށް އެންމެ ބޮޑަށް އެހީތެރިކަމެއް ފޯރު ކޮށްދެއްވަނީ އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާ އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެވެ.

ނާޒިމާއި ރިޔާޒުގެ އިތުރުން މަޖިލީހުގެ ތިން މެންބަރަކު އެ ޕާޓީއަށް ސޮއި ކުރައްވަން ނިންމަވާފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ނާޒިމާއި ރިޔާޒު މިވަގުތު ތިއްބެވީ ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ގޮތުގަ އެވެ. މަޖިލީހަށް ދެ ބޭފުޅުން އިންތިހާބުވީ ވެސް ޖުމްހޫރީ ޕާޓީގެ ޓިކެޓްގަ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މި މަހުގެ ތެރޭގައި ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ހޯދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް ވަނީ ނިންމަވާފަ އެވެ.

ނާޒިމް ސިޔާސީ މަސައްކަތްތަކަށް ނުކުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގައި އޭނާގެ ބޮޑު ހިއްސާއެއް އޮތް ކަމަށް ކުރެވުނު ތުހުމަތުތަކާއެކު ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަން ލިބިވަޑައިގެންނެވި ހިސާބުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ނާޒިމް ހުންނެވީ ޑިފެންސް މިނިސްޓަރަކަށެވެ. ނަމަވެސް ރައީސް ޔާމީނާ ހިޔާލުތަފާތުވެ ގިނަ އަހަރުތަކަކު ޖަލުގައި ވެސް އޮންނަވަން ޖެހިވަޑައިގަތެވެ.